ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު ގެއަށް ބަދަލުކުރުމަށް އެހީތެރިވެވަޑައިގަތުމަށް، އިންތިޚާބު އޮބްޒާވްކުރުމަށް ވަޑައިގެން އުޅުއްވާ އީޔޫ ވަފުދުގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އިންސާފުވެރި، މިނިވަން އިންތިޚާބެއް ބޭއްވުމަށްޓަކައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަން އީޔޫގެ އެހީތެރިކަމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވީ މިއަދު ރައްޔިތުންގެ މަޖިލީހަށް އެ ވަފުދުގެ ބޭފުޅުން ކުރެއްވި އިހްތިރާމުގެ ޒިޔާރާތެއްގައި ބޭއްވި ބައްދަލުވުމެއްގައެވެ.

މި ޒިޔާރަތުގައި ޔޫރަޕިއަން ޔޫނިއަންގެ ރިޔާސީ އިންތިޚާބަށް އެކުލަވާލި ކޯ-ޓީމްގެ ޗީފް އޮބްޒާވަރ، ޔޫރަޕިއަން ޕާލަމެންޓްގެ މެންބަރު މިސްޓަރ ނަޗޯ ސަންޗޭޒް އަމޯރ ބައިވެރިވެވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި އޮތްއިރު، ރައީސް ނަޝީދު ދަނީ ރައީސް ޔާމީން މިނިވަންކޮށްދެއްވުމަށް އެކި ފަހަރުމަތިން ސަރުކާރަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ ރައީސް ނަޝީދުއާއި ގުޅިވަޑައިގަތުމަށާއި ޕީޕީއެމުން އެމަނިކުފާނާއެކު މަސައްކަތްކުރައްވާތާ ހަފްތާއެއްގެ ތެރޭގައި ރައީސް ޔާމީން ގެއަށް ބަދަލުކުރައްވަވާނެކަމަށެވެ.