"ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށައިފި އެވެ.

ގުރުއަތުލުން ފެށީ މިއަދު މެންދުރު ކުރި، 12:00 ހާއިރު، ގަލޮޅު ދަނޑުގަ އެވެ. 11:00 ގައި ފެށުމަށް ހަމަޖައްސާފައި އޮތް ނަމަވެސް ގުރުއަތު ނެގުން ފެށްޓުނީ ބާރަ ޖަހަން އުޅެނިކޮށެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި 23،000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފަ އެވެ. މީގެ ތެރިން މި ދައުރުގަައި 18،955 މީހުންނަށް ގޯތި ދޭނެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިއަދު ކުރިޔަށް ގެންދަނީ.ދާއިމީ ލިސްޓް އިއުލާން ކުރިއިރު، އެ މީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފަ އެވެ. ގުރުއަތުން ނަގާ ކަރުދާސްކޮޅުގައި އެ މީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންބަރު އެނގޭނެ އެވެ.

ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18،955 މީހުންގެ މެދުގަ އެވެ. ގުރުއަތު ނަގަން މިއަދު މެންދުރެއްހާއިރު ފަށައިގެން ގޮސް މިހާރު މިވަނީ 4000(ހަތަރުހާސް) އަކަފޫޓުގެ ގޯތިތަކުގެ ގުރުއަތުލުން މީގެ ތިންގަޑިއެއްހާ އިރު ކުރިން ވަނީ ނިމިފައެވެ.

މިއަދު ގުރުއަތުލައި ނިންމި ފަރާތްތަކުގެ ތެރެއިން، ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ، ގޯތި ކަނޑާ، ޕްލޮޓް ބެލޭނެ އިންތިޒާމް މިއަދު ހަވީރުން ފެށިގެން ކުރިއަށްދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ.

ފުރަތަމަ ދެ ދުވަހު ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށްގެންދަނީ ގަލޮޅު ދަނޑުގަ އެވެ. އަދި އެއަށްފަހު ގުރު ނެގުން ކުރިއަށްގެންދާނީ ހެންވޭރު ދަނޑުގަ އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ގުރުއަތު ނެގުން ކުރިއަށްގެންދަނީ ފޯމު ހުށައެޅި ތަރުތީބުންކަމަށެވެ.

ސަރުކާރުން ގޯދި ދިނުމަށް ކަނޑައަޅާފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ. ގުރުއަތު ނަގާ ކަރުދާސްކޮޅުތައް އަޅާފައިވާ ބަކެޓްގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ޕްލޮޓްތައް ވެސް ހިމެނޭނެ އެވެ. އެ މީހަކަށް ގޯތި ލިބެނީ، ނަގާ ކަރުދާސްކޮޅުގައި އޮންނަ ރަށެއްގެ ޕްލޮޓް ނަންބަރަށެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ގުރުއަތު ނެގުމުގެ މަސައްކަތް 7-10 ދުވަހުން ނިންމާލެވޭނެ ކަމަށެވެ. އަދި ގޯތީގެ ލިޔުން މިއަދުވެސް ހަވާލުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ، ގޯތީގެ ލިޔުން ދޭނީ ނަމެއްގައި ދޭ ލިޔުމެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ހަވާލުކުރާނީ ގޯތީގެ ރަޖިސްޓްރީ ކަމަށާއި، އޭގެ މަސައްކަތްތައް މިއަދުން ފަށައިގެން ކުރާނެ ކަމަށް އަކްރަމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދެން ފަށާނީ ގޯތީގެ ލިޔުން ހަވާލުކުރުން. މިއަދު ގުރުއަތު ނެގި ވަގުތު ހަވާލުކުރަން މަސައްކަތްކުރީ. ނަމަވެސް ގަޑިއަށް ކުޑަ ބަދަލެއް އައުމާއި ގުޅިގެން ނުފެށުނީ. މަސައްކަތް މިކުރަނީ މިއަދުވެސް ލިޔުން ހަވާލުކުރަން ފެށޭތޯ،" އަކްރަމް ވިދާޅުވި އެވެ.