ފަލަސްތީނުގެ ހުޅުނގު އައްސޭރީގެ ޖެރީޗޯގައި އިޒްރޭލުގެ ހައްދު ފަހަނަ އެޅި ސިފައިން ހަމަލާދީ ފަލަސްތީނުގެ 2 ޒުވާނަކު މިއަދު ޝަހީދު ކޮށްލައިފިއެވެ.

ޖެރީޗޯ އަވަށުގެ ހޮސްޕިޓަލުގެ ޑިރެކްޓަރާ ހަވާލާދީ ރޮއިޓަރސްއިން ބުނީ އިޒްރޭލުން ހަމަލާދީފައި ވަނީ އެދެޒުވާނުންގެ މެޔަށް ކަމަށެވެ.

ފަލަސްތީނުގެ ސިހްޚަތާ ބެހޭ ވުޒާރާއިން ބުނީ އިޒްރޭލުން ޝަހީދު ކޮށްލީ 16 އަހަރުގެ ޤުސޭ އަލް ވަލަޖީ އާއި 25 އަހަރުގެ މުހައްމަދު ނަޖޫމް ކަމަށެވެ. "ދެ ޒުވާނުންނަށް އިޒްރޭލުން ހަމަލާ ދިނީ މިއަދުގެ ފަތިހުގެ ވަގުތެއްގައި" ފަލަސްތީނުގެ ސިއްޚަތާއި ބެހޭ ވުޒާރާއިން ބުންޏެވެ.

މިހާދިސާ ހިނގި ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރޭ ފަތިހުގެ ވަގުތެއްގައި މިސަރަހައްދުން ބަޑީގެ ހަމަލާތަކެއް ބަދަލު ކުރި އަޑުއިވުނެވެ. އެކަމަކު ބަޑީގެ ހަމަލާތައް ބަދަލު ކުރީ އިޒްރޭލު ސިފައިންނާއި ޝަހީދުވި 2 ޒުވާނުންނާ ދެމެދު ކަމެއް ކަށަވަރެއް ނޫނެވެ.

މިއީ ފާއިތުވެދިޔަ މަހެއްހައި ދުވަހުގެ ތެރޭގައި ޖެރީޗޯ އަވަށުގައި އިޒްރޭލުން ހަމަލާދީ ފަލަސްތީނު ބަޔަކު ޝަހީދު ކޮށްލި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ހުޅަނގު އައްސޭރީގެ އެހެނިހެން އަވަށްތަކަށް އަރައި ކޮންމެދުވަހަކުހެން އިޒްރޭލުގެ ހައްދުފަހަނަ އެޅި ސިފައިން ގެންދަނީ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރަމުންނެވެ.

ފަަލަސްތީނުގެ ހުޅަނގު އައްސޭރީގައި 2.9 މިލިޔަން މީހުން ދިރިއުޅޭއިރު، އޭގެ ތެރެއިން 670،000 މީހުންނަކީ އދ.ގެ އުސޫލުތަކާ ޚިލާފަށް ފަލަސްތީން ރައްޔިތުން ގެދޮރުން ނެރެ އެތަނުގައި އިޒްރޭލުން ވަޒަންވެރިކުރުވާފައިވާ ޔާހޫދީންނެވެ.