އެމެރިކާ އާއި ހުޅުގަނގުން ދުނިޔެ ކޮންޓްރޯލް ކުރުމަށްޓަކައި ކިތަންމެ މަސައްކަތްތަކެއް ކުރިނަމަވެސް އެކަން ކާމިޔާބު ނުވާނެކަން ދެއްކުމަށާއި ރަޝިޔާ އާއި ބެލާރުސްއަށް އޮތް ފުރިހަމަ ތާއީދު ދެއްކުމަށްޓަކައި ޗައިނާގެ ދިފާއީ ވަޒީރު ލީ ޝަންގްފޫ އެދެގައުމަށް ކުރައްވާ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ޗައިނާގެ ދިފާއީ ވަޒީރުގެ ދުރުފުޅާއި ގުޅޭ ގޮތުން ޚާރިޖީ ވަޒީރު ވޭންގ ބިން ވިދާޅުވީ ޗައިނާ އާއި ރަޝިޔާއަކީ އެކިދާއިރާތަކުން ހިޔާލު ބަދަލުކޮށް އަބަދުވެސް މަޝްވަރާ ކުރަމުންދާ ދެގައުމު ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ދެގައުމުގެ ގުޅުން ހަރުދަނާކޮށް ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭ ގޮތުން މިދަތުރުފުޅުގައި ލީ ޝަންގް ފޫ މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ވޭންގް ބިން އިތުރަށް ވިދާޅުވީ ލީ ޝަންގްފޫގެ މިދަރުފުޅުގެ އަނެއް ބޭނުންފުޅަކީ ޔޫކްރައިނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރަޝިޔާ އަދި ރަޝިޔާއަށް ވާގިވެރިވަމުން އަންނަ ބެލާރުސް ދުނިޔޭގެ މަޝްރަހުން ބާކީވަމުން ނުދާކަން ހާމަ ކުރެއްވުން ކަމަށެވެ.

ލީ ޝަންގްފޫގެ މިދަތުރުފުޅުގައި 6 ދުވަސް ރަޝިޔާ އާއި ބެލާރުސްގައި ހޭދަކުރައްވާނެއެވެ. މިދަތުފުޅުގެ ތެރެއިން، ރަޝިޔާގައި ކުރިއަށްދާ "ނިއު ވަރލްޑް އޯޑަރ" ސަމިޓުގައި އެމަނިކުފާނު ތަޤްރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރަޝިޔާއިން 100 އަށްވުރެ ގިނަ ގައުމަށާއި ބައިނަލްއަގުވާމީ 8 ޖަމިއްޔާއަކަށް ދައުވަތު ދީގެން ބާއްވާ މިސަމިޓުގެ ބޭނުމަކީ "ޔޫރަޕާއި އެޓްލާންޓިކުގެ ބާރުތަކުން" ދުނިޔެއަށް އަތްގަދަ ކުރުމަށް ހިންގާ ހަރަކާތްތަކާ ދެކޮޅު ހެދުމާއި "އާ ބާރެއް" އުފެއްދުމުގެ ހިޔާލުތަކާމެދު މަޝްވަރާ ކުރުމެވެ.