ހުއްދަ ނުނަގައި އުމްރާއަށް މީހުން ގެންދިރުމަކީ މަނާކަމެއް ކަމަށާއި ގެންދާނަމަ އެ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހުއްދަ ނެތި ބައެއް ކުންފުނިތަކުން ވިޔަފާރީގެ އުސޫލުން މީހުން އުމްރާއަށް ގެންދާކަން ފާހަގަވެފައިވާ ކަމަށާއި އެ މިނިސްޓްރީން ހުއްދަ ނުދޭ ކުންފުންޏަކުން މީހުން އުމްރާއަށް ގެންދިއުމަކީ މަނާ ކަމެއް ކަމަށެވެ.

އުމްރާއަށް މީހުން ގެންދިއުމުގެ އުސޫލުގައި ބުނާގޮތުން އުމްރާއަށް މީހުން ގެންދަން ކުންފުންޏަކަށް ހުއްދަ ދޭނީ ދެ އަހަރަށެވެ. އަދި ހުއްދަ ނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީ މަނާ ކަމެއް ކަމަށް އެ އުސޫލުގައިވެއެވެ.

"ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅަމުންދާނެ ކަމުގައި ދެންނެވީމެވެ،" އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ހުއްދަ ނެތް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެގޮތަށް އަމަލުކޮށްގެން ކުރިމަތިވާ ގެއްލުމެއްގެ ޒިންމާ ނަގަން ޖެހޭނީ އެ މީހަކު އަމިއްލައަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

ހަމައެއާއެކު އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފެންނާނެ ކަމަށްވެސް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.