ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނެ، އަދި ހައްގުބަސް ބުނަން ފުރުސަތު ލިބޭނެ ހަމައެކަނި ފަހަރަކީ މިއީ ކަމުގައި، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުގެ ރަނިންމޭޓް، ރައްޔިތުންގެ މަޖިލިހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.
ސެމްބެ މިހެން ވިދާޅިވީ، ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި އަމިއްލަ އުފަން ރަށް، ފަރެސްމާތޮޑާއަށް ވަޑައިގެން އެރަށުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭ ފަރެސްމާތޮޑާގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވީ މި ފުރުސަތުގެ އިންތިޒާރުގައި ރައްޔިތުން ތިބިކަމަށާއި، އެއިންތިޒާރުގައި ރައްޔިތުން ތިބިކަން އެނގުނީ ޕީޕީއެމް/ޕީއެންސީން ދަތުރުތައް ފެށި ހިސާބުން ކަމުގައެވެ. މިގޮތުން ރާއްޖޭގެ އުތުރަށް ދަތުރުތައް ފެށުމާއެކު އިދިކޮޅު ކެނޑިޑޭޓަށް އާދަޔާ ހިލާފު ތަރުހީބެއް ފެނިގެންދިޔަ ކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ޓަކައި ރައްޔިތުން ފެންބޮވާފައި ތިބި މިންވަރު ފެނިގެން ދިޔަ ކަމުގައެވެ.
"ރައްޔިތުންނަށް ހަމައެކަނި ލިބޭނެ އެންމެ ބޮޑު ބާރު ލިބޭނެ ފަހަރަކީ މިއީ، ރައްޔިތުން ބަސް ބުނަން އިއްވާނެ އެންމެ ފަހު ފަހަރަކަށް ވާނެ މި ފަހަރު، މިއީ މި އިންތިހާބުގައި ވޯޓުލާން ނުކުންނަ ނުކުތުން. ތިމާގެ ވަލީއުލް އަމުރު ހޯދަން ނުކުންނަ ނުކުތުން. ހައްގު ބަސް ބުނަން ހަމައެކަނި ލިބޭނެ ފުރުސަތަކީ މިނިވަންކަމާއި އެކީގައި މި ފުރުސަތު،" މިރޭ ފަރެސްމާތޮޑާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިންވެސް ރައްޔިތުންނަށް އުފާވެރި ކަންކަން ކުރެވިފައިވާކަމުގައެވެ. އަދި އެކަންކަން ކުރެވުނީ ރައީސް ޔާމިންގެ ސަބަބުންކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ ރައީސް ޔާމިންއަކީ ތަސައްވަރެއް އޮވެގެން ދުރު ވިސްނުންފުޅާއި އެކުގައި ގައުމަށް ހެޔޮ ހިދުމަތްތަކެއް ކުރެއްވި ވެރިއެއް ކަމުގައެވެ.
"އެ ވިސްނުން އިރާދަކުރެއްވިއްޔާ، އެ ސިޔާސަތު ތަންފީޒު ކުރުމަށްޓަކައި މިއަދު އިސްވެ ހުންނަވައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ ޑރ. މުއިއްޒު، ޑރ. މުއިއްޒު އެ ގެންދަވަނީ ކުރިއަށް ގެންދަވާނެ ސިޔާސަތުތައް ކަނޑައަޅުއްވާ މެނިފެސްޓޯ އެކި މަންޒިލްގައި ހިއްސާ ކުރަމުން،" ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑެޓް ޑރ މުއިއްޒުގެ ރަނިންމޭޓް ސެމްބެ ވިދާޅުވިއެވެ.