މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނޭ އޮފިޝަލުން ހޯދުމަށް މިއަދު އިއުލާންކޮށްފިއެވެ.

އީސީއިން ގެޒެޓް ކުރި އިއުލާނުގައި ބުނީ މިކަމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި އޮންލައިންކޮށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ އިތުރުން ކޮމިޝަނަށް ހާޒިރުވެގެން އަދި އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ބަލައި ގަންނާނެ ކަމަށެވެ.

އޮފިޝަލުންނަށް ވާން ބޭނުންވާ ފަރާތްތަކުގައި ވަކި ޝަރުތުތަކެއް ހުންނަ ޖެހޭނެކަމަށް އީސީއިން ބުނިއެވެ.އެއީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި، އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުމާއި، އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުމާއި، ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުމާއި، އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތައުލީމާއި ތަޖުރިބާ ހުރުމާއި، މިފަދަ މަސައްކަތަކަށް ސިއްހީ ގޮތުން ގާބިލް މީހަކު ކަމުގައިވުން އަދި ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެއެވެ.

ފޯމު ހުށަހަޅާ ފަރާތްތަކުން އެފޯމާ އެކު ރިޔާސީ އިންތިހާބު 2023 ގެ ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށްވުމަށް އެދޭ ފޯމާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީއަކާއި ހާސިލްކޮށްފައިވާ އެންމެ މަތީ ތައުލީމީ ސެޓްފިކެޓުގެ ކޮޕީ އަކާއި ވަނަވަރު އަދި ޕާސްޕޯޓް ސައިޒުގެ 1 ގަނޑު ފޮޓޯ ހިމަނަން ޖެހޭނެކަމަށް އީސީއިން ބުންޏެވެ.

އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި އަންނަ މަހުގެ ފަސްވަނަ ދުވަހުގެ 13:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެކަމަށް އީސީއިން ބުނިއެވެ.އަދި އަދަދު ހަމަނުވާނަމަ އަދަދު ހަމަވަންދެން ފޯމު ބަލައިގަންނާނެކަމަށްވެސް ބުންޏެވެ.