މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ކެންޑިޑޭޓު އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ނާޒިމްގެ މާލޭގެ ތަރައްގީގެ ޕްލޭން ހޮނިހިރު ދުވަހުގެ ރޭގައި އިއުލާން ކުރަން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ނާޒިމްގެ ކެމްޕެއިން އޮފީހުން ބުނީ މި ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭ 21:00 ޖަހާއިރު ބިލަންބޮންގް ހައި އިންޓަނޭޝަނަލް ސްކޫލްގައިކަމަށެވެ.

ނާޒިމްގެ ކެމްޕޭން މެނޭޖަރު، އަދި އެ ޕާޓީގެ ނާއިބު ރައީސް ހުސައިން އިސްމާއީލް ވިދާޅުވ ނާޒިމްގެ ވެރިކަމުގައި މާލެ, ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު ސަރަޙައްދު ތަރައްގީކުރާނޭ ގޮތް ކަމަށެވެ. އަދި މި ޒަމާނުގެ ތަރައްގީގެ ފަލްސަފާތަކާ އެއްގޮތަށް ރޭވުންތެރިކަމާއެކު ތަރައްގީކުރުމަށް އެކުލަވާލެވޭ ޕްލޭނެއް ކަމަށެވެ.

މީގެއިތުރުން ވިދާޅުވީ ސިޔާސަތުތަކާއި މަޝްރޫއުތަކަކީ ތަފާސްހިސާބުތަކާއި ހަގީގަތްތަކުގެ މައްޗަށް އެކުލަވާލެވޭ ސިޔާސަތުތަކެއް ކަމުގައިވާއިރު، މި ޕްލޭންގައިވާ ހުރިހާ ކަމަކީ ވެސް ނާޒިމްގެ އިގްތިސާދީ ސިޔާސަތުތަކުގެ ތެރެއިން ހާސިލުކުރެވޭނޭ ސިޔާސަތުތަކަކާއި ޕްލޭންތަކެއްކަމަށެވެ.

މިއަންނަ މަހުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާ އެމްއެންޕީގެ ކެންޑިޑޭޓު ނާޒިމް ވަނީ މެނިފެސްޓޯ ވެސް އެންމެ ފުރަތަމަ އާންމު ކުރައްވާފައެވެ.