ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އަރިއަތޮޅު އުތުރުބުރީ ފެރިދޫ ސިއްހީމަރުކަޒަށް އިތުރުކުރެވުނު އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މިއިމާރާތް ހުޅުއްވައިދެއްވީ، މިއަދު އެމަނިކުފާނު އަރިއަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މިއަދު ހަވީރު ފެރިދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ރައީސް މިއަދު ހުޅުއްވައިދެއްވި، މި އިމާރާތާއި އެކު ފެރިދޫ ސިއްހީ މަރުކަޒަށް ކުރިމަތިވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެއެވެ. މިއިމާރާތުގައި، އިދާރީ މަސައްކަތް ކުރާނެ އޮފީހާއި، މީޓިންގ ރޫމާއި، ޕަބްލިކް ހެލްތު ޔުނިޓާއި، ޖެނެރަލް ސްޓޯރއަކާއި މެޑިކަލް ސްޓޯރއެއްގެ އިތުރުން ލޯންޑްރީ އޭރިއާއެއް ހުރެއެވެ.

އަތޮޅުތަކުގެ ސިއްހީ ހިދުމަތް ތަރައްގީކުރެއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ވަނީ ހިންގާފައެވެ.

މިގޮތުން ސިއްހީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި، ސަރަހައްދީ ހޮސްޕިޓަލްތަކުގެ އުމުރާނީ ތަރައްގީއަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، އައު ހިދުމަތްތައް ސަރުކާރުން ވަނީ ފަށާފައެވެ.