ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު އާރިފް (އާއްޓޭ) ޕީޕީއެމްއަށް ސޮއިކޮށް، ޑރ.މުއިއްޒުގެ ރިޔާސީ ކެމްޕޭނާއި ގުޅިވަޑައިގެންފިއެވެ.

ކުޑަހުވަދޫގައި މިރޭ ބޭއްވި ޖަލްސާގައި އާއްޓޭ ވަނީ ޕީޕީއެމްއާއި ގުޅުމަށްފަހު ފޯމު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުއާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ސޮއި ކުރުމަށްފަހު އާއްޓެ ވާހަކަ ދައްކަވަމުން ވަނީ ޕީޕީއެމްއާއި ގުޅުނީ ތަރައްޤީއާއި ކުރިއެރުމަށް ލޯބިކުރާތީ ކަމަށް ވިދާޅުވެފައެވެ.

އަދި އެމްޑީޕީއާއި މިސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޚާއްސަކޮށް ތަކެތީގެ އަގު އުފުލި ރައްޔިތުން އުފުލަމުންދާ ހިއްދަތި ހާލަތަކީ މިސަރުކާރުން ގެނައި ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުން އުފުލަމމުންދާ ތަކުލީފް ކަމަށް އާރިފް ވަނީ ވިދާޅުވެފައެވެ.

މިޖަލްސާގައި ކުޑަހުވަދޫގެ އަންހެނުންގެ ކޮމެޓީގެ މެމްބަރަކާއި، އާންމު ގިނަ އަދަދެއްގެ މެމްބަރުން ވަނީ އާއްޓެގެ އިތުރުން ޕީޕީއެމްއަށް ސޮއިކޮށް ފޯމު ޑރ.މުއިއްޒުއާއި ހަވާލު ކުރައްވާފައެވެ.