ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މިރޭ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސެންޓަރ (މެޓް އޮފީސް)ން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މިރޭ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ.

މީގެ އިތުރުން މެޓް އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި، ނަމަވެސް ރާއްޖޭގެ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށެވެ.

އަދި އެ އަތޮޅަށް ދެކުނާއި ހުޅަނގު ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގު އުތުރުން ގަޑިއަކު 3 މޭލައި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

ރާއްޖޭގެ ކަނޑުތައް މަޑުވާނެކަމަށް ލަފާކޮށްފައިވާއިރު, ރާޅުގެ އުސްމިން ހުންނާނީ އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދުކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.