ރިޔާސީ ކެމްޕޭނަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމދު މުއިއްޒު ދ ކުޑަހުވަދޫއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ކިޔާފައި ވަނީ ވަރަށް ވެސް ހޫނު މަރުހަބާއެކެވެ.

މިއަދުގެ އިރު އޮއްސުނުހާއިރު ޑރ މުއިއްޒު ކުޑަހުވަދޫއަށް ވަޑައިގެންނެވުމަށްފަހު، އެމަނިކުފާނަށް މަރުހާބާ ދެންނެވުން ރިޔާސީ ކެމްޕޭނުގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ގިނަ އަދަދެއްގެ ބަޔަކު، ޑރ މުއިއްޒަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިއްބެވެ. އަދި ސަޕޯޓަރުން ވަނީ ވަރަށްވެސް ހޫނު މަރުހަބާއެއް ކިޔާފައެވެ. މަރުހަބާގެ އަޑާއެކު އުފުލިގެން ދިޔަ އެންމެބާރު އަޑަކީ ސަޕޯޓަރުން އެއްބުރުން ޑރ މުޙައްމަދު މުއިއްޒު ހޮވާނެކަމަށް ބުނަމުން ދިޔަ އަޑެވެ.

ޑރ މުއިއްޒަށް ތާއީދު ކުރައްވަނީ ރައީސް ޔާމިނު ދެއްކި ކެންޑިޑޭޓަށް ވީމަ ކަމަށް އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގޮސްތިބި ސަޕޯޓަރުންގެ ތެރެއިން ބައެއް ސަޕޯޓަރުން ވަނީ ބުނެފައެެވެ. އެސަޕޯޓަރުންގެ ވާހަކައިގައި ރައީސްކަން ކުރެއްވި ދުވަސްތަކުގައި، ރައީސް ޔާމިނަކީ ކުޑަހުވަދޫއަށް އިންގިލާބީ ތަރައްގީ ގެނެސްދެއްވާފައިވާ ލީޑަރެއް ކަމަށެވެ.

ކުޑަހުވަދޫއަށް އެ ތަރައްގީ އަނބުރާ ގެނައުމަށް ރައީސް ޔާމިނުގެ އިރުޝާދާއި އެކު ކުރެވެން އޮތްކަމެއް ކުރާނެކަމަށްވެސް ކުޑަހުވަދޫ ރައްޔިތުންގެ ތެރެއިންމުއިއްޒަށް ތާއީދު ކުރައްވާ މީހުން ވަނީ ބުނެފައެވެ. އިތުރަށް އެރަށުން ބަޔަކު ހާމަކޮށްފައިވާ ގޮތުގައި އެމީހުން މުއިއްޒަށް ތާއީދު ކުރަނީ މި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެމަނިކުފާނު ފަދަ ގާބިލު ކެންޑިޑޭޓަކު ފެންނަން ނެތުމުން ކަމަށެވެ.

ޑރ މުއިއްޒަށް ކުޑަހުވަދޫއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ކުޑަ ހުވަދޫގައި ބާއްވާ އެމަނިކުފާނުގެ ރިޔާސީ ކެންޕޭނުގެ ޖަލްސާގައި ވެސް ގިނަ އަދަދެއގެ ބަޔަކު ވަނީ ބައިވެރިވެވަޑައިގެންފައެވެ.