ގިރާވަރު ފަޅު ހިއްކައިގެން ގޯތި ދޭ ވާހަކައަކީ މާ ބޮޑު ޕްލޭނެއް ނެތް ވަރަށް ދުރު ވާހަކައެއް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނުހިއްކާ އޮތް ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަަށް މާލެ ސަރަހްދުގެ ހިކިފަސް ތާކުން ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭ ކަމަށާއި އަދި ގޯތި ދިނުމަށް ނިންމާފައިވާ ގިރާވަރު ފަޅު ހިއްކާ ވާހަކައަކީ އަދި މާބޮޑު ޕްލޭނެއް ނެތް ވަރަށް ދުރުވާހަަކައެއް ކަމަށެވެ.

ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން މިހާރު ކުރިއަށްދާއިރު، ގޯތި ދިނުމަށް ކަނޑައަޅާފައިވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުންނެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގައި ހުޅުވާލި ބިންވެރިޔާ ސްކީމްގެ ފުރުޞަތުގައި 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.

ދާއިމީ ލިސްޓް އިޢުލާން ކުރިއިރު، އެމީހަކަށް ލިބޭ ގޯތީގެ ބޮޑުމިން ވަނީ އަންގާފައެވެ. ގުރުއަތުން ނަގާ ކަރުދާސްކޮޅުގައި އެމީހަކަށް ގޯތި ލިބޭ ތަނާއި، ޕްލޮޓް ނަންބަރު އިނގޭނެއެވެ.

މީގެއިތުރުން ގުރުއަތު ނަގާ ކަރުދާސްކޮޅުތައް އަޅާފައިވާ ބަކެޓުގައި ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅުގެ ޕްލޮޓްތައްވެސް ހިމެނޭނެއެވެ. އެމީހަކަށް ގޯތި ލިބެނީ، ނަގާ ކަރުދާސްކޮލުގައި އިންނަ ރަށެއްގެ ޕްލޮޓް ނަންބަރަށެވެ.

ގޯތި ލިބުނު މީހުންގެ ތެރެއިން، މިދައުރުގައި ގޯތި ނުދެވޭ 684 މީހުންނަށް ބިން އިތުރަށް ހަމަޖެހުމުން ގޯތި ދެއްވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.

މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުންނެވެ.