ނޯތު ޕޮލިސްގައި ހިމެނޭ ނ. ރ އަދި ބ އަތޮޅުގެ ކުއިކް ރިއެކްޝަން ޓީމުގައި މަސައްކަތްކުރާ ފުލުހުންނަށް ޕަބްލިކް އޯޑަރ ރިފްރެޝަރ ޕްރޮގްރާމެއް ހިންގައިފިއެވެ.

ފުލުހުން ބުނިގޮތުގަައި މިމަހު 12 އިން 16 އަށް އުނގޫފާރުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވާ އެއްވުންތައް ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ރޫޅާލުމުގެ ހުނަރުތަކާއި ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެނައުމަށް ބޭނުންކުރާ އުކުޅުތައް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، އިންތިހާބުގައި ގާނޫނީގޮތުން ފުލުހުން އަމަލުކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ޕަބްލިކް އޯޑަރ ހާލަތްތަކުގައި ބޭނުންކުރާ ފޯމޭޝަންތަކާއި ޑްރިލްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ނޯތު ޕޮލިސްގެ 36 ފުލުހުން ބައިވެރިވިއެވެ.