އާބަންކޯއިން ހުޅުމާލެ ދެވަނަ ފޭސްގެ ފަޅު ހިއްކަަން ތައްޔާރުވުމާއެކު، ފަޅު ތެރޭގައި ހުރި އުޅަނދުތައް ނަގަން އެކޯޕަރޭޝަނުން ވަނީ އަންގައި އިއުލާންކޮށްފިއެވެ.

އާބަންކޯ އިން މިއަދު އާއްމުކޮށްފައިވާ އިއުލާނުގައި ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފަޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޮރޮޖެކްޓަކަށް ފަޅުތެރޭގައި އަޅާފައިވާ އުޅަނދުތަކާއި އަޑިއަށް ގޮސްފައިވާ އުޅަނދުތައް އެސަރަހައްދުން ނެގުމަށް ބޭނުންވާ ކަމަށެވެ.

އާބަންކޯ(އެޗްޑީސީ) އިން މިހާރު މާލޭ މީހުންނަށް ގޯތި ދިނުމަށް ހަމަޖައްސާފައިވާ ސަރަހައްދަކީ ކުރިން ހުޅުމާލޭގައި ޔޮޓްމެރީނާ އާއި ކްރޫޒް ޓާމިނަލް ހަދަން ކުރިން ނިންމާފައިވާ ހިސާބެކެވެ. އެހެންނަމަވެސް މިހާރު އެއީ ހުޅުމާލޭ ފޭސް3 އެއްގެ ނަމުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހަމަޖައްސާފައިވާ ސަރަހައްދެކެވެ.

ހުޅުމާލޭގެ ފޭސް 3ގެ ނަމުގައި އަންނަ މަހު ބިން ހިއްކަން ފެށުމަށްޓަކައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރަކަށް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނިވެސް ކަނޑައަޅައިފަ އެވެ. އެ މަސައްކަތް ފަށަން އެ ކުންފުނިން އަންނަނީ ތައްޔާރުވަމުންނެވެ.

ހުޅުމާލެއިން އިތުރަށް ހިއްކަން ނިންމާފައި ވަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.

އެ އުޅަނދުތައް އޮތް ސަރަހައްދުގެ ހިމެނޭ މެޕެއް އެ ކުންފުނިން ވަނީ އާންމުކޮށްފަައެވެ.

އުޅަނދުތަކުގެ ވެރިފަރާތެއްވާނަމަ މިއަދުން ފެށިގެން ދިހަ ދުވަސް ތެރޭގައި އެ ކުންފުނީގެ ހޮޓްލައިން 1516 އަށް ގުޅުއްވައި މައުލޫމާތު ސާފާކުރުމަށް ފަހު އުޅަނދުތައް ނެގުމަށް އާބަންކޯއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ދީފައިވާ މިމުއްދަތުގެ ތެރޭގައި އުޅަނދުތައް ނުނަގާނަމަ ކ. ތިލަފުއްޓާއި ކ. ގުޅިފަޅު ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލުގެ ދަށުން އުޅަނދުތަކާއި މެދު އަމަލުކުރެވޭނެ ކަމަށް އާބަންކޯގެ ބަޔާނުގައި ވަނީ އަންގާފައެވެ.

މި ސަރުކާރުން ވަނީ މާލޭގެ 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާފައެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ ތިން ވަނަ ފިޔަވަހިން ހިއްކާ ބައިން ދޫކުރާ ގޯތިތަކެއް ވެސް ހިމެނެ އެވެ.

ހުޅުމާލެ ހިއްކަން ފެށީ، 1997 ގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ 2014 ވަނަ އަހަރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ.