އަހަރުގެ ސްކޫލް ބޮޑު ޗުއްޓީ އަލުން ޑިސެމްބަރަށް ބަދަކުރުމާ ގުޅޭ ގޮތުން ރިސޯޓް މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދ. ކުޑަހުވަދޫގައި ރޭ ދެއްކެވި ވާހަކަފުޅުގައި އަހަރީ ބޮޑުބަންދު އެންމެ ކުރިންވެސްން އޮތް ގޮތަށް ބަދަލު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވުމާ ގުޅިގެން ރިސޯޓުތަކުގައި ވަޒީފާ އަދާ ކުރަމުންދާ މުވަައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުންދާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަދު އެކްސް.ކޮމްގައި ކުރެއްވި ޓުވީޓެއްގައ މުއިއްޒު ވިދާޅުވީ ކެމްޕޭން ޖަލްސާގައި އިއުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރު މަހަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ލިބެމުން އަންނަ ކަމަށެވެ.

ޓުވީޓުގައި އިތުރަށް މުއިއްޒު ވިދާޅުވީ، މިގޮތަށް ކަންބޮޑުވުންތަކުގެ ޝަކުވާ ކުރަމުންދާތީ، އަހަރީބޮޑު ބަންދު ޑިސެމްބަރަށް ބަދަލު ކުރުމާ ގުޅޭ ގޮތުން، އެކަންބޮޑުވުންތަކަށް ހައްލު ގެނެސްދެވޭނެ ތަފްސީލެއް މިރޭ ފ ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރައްވާނެ ކަމަށެވެ.

"ކެމްޕޭން ޖަލްސާގައި އިޢުލާން ކުރެވުނު ސްކޫލް ބޮޑު ޗުއްޓީ ޑިސެމްބަރ އަށް ބަދަލު ކުރުމާއި މެދު ރިސޯޓު ތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ ކަންބޮޑުވުންތައް ދަނީ ލިބެމުން. އަޅުގަނޑު މި ކަންބޮޑުވުމަށް ޙައްލު ގެނެސްދޭނަަން. ތަފްސީލް މިރޭ ފ.ނިލަންދޫގައި އޮންނަ ޖަލްސާގައި ހާމަކުރާނަން އިންޝާ ﷲ،"
ޑރ މުހައްމަދު މުއިއްޒެ

ސަރުކާރުން ބުނާ ގޮތުން އެ ނިންމުން ނިންމީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންނަށް ސުކޫލު ބޮޑު ޗުއްޓީ މަހުރޫމްވާތީ އެވެ. އެ ނިންމުން ނިންމަން 17،000 މީހުންގެ ހިޔާލު ހޯދި ކަމަށް ސަރުކާރުން ބުނެއެވެ.

ނަމަވެސް އާންމުންގެ ގިނަ ބަޔަކާއި ދަރިވަރުން އަދި ޓީޗަރުންނަށް ވެސް އެ ބަދަލު ކަމަކު ނުދިޔަ އެވެ.

ހާއްސަކޮށް މިހާރު ބޮޑު ޗުއްޓީ ލިބޭ ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމުން ޗުއްޓީގެ ހަގީގީ އުފަލުން ދަރިވަރުންނާއި ބެލެނިވެރީންނާއި އާއިލާތައް މަހްރޫމް ވެއެވެ.

ޒަމާނުއްސުރެ ރާއްޖޭގައި ސުކޫލު ޗުއްޓީ އަކީ ޑިސެންބަރު މަހެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމަށް އައީ ސުކޫލު ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރައްވާނެ ކަމަށް ވައުދުވަމުންނެވެ. އެ ވައުދާ އެއްގޮތަށް ސަރުކާރުން ވަނީ ސުކޫލު ޗުއްޓީ އަހަރު މެދަށް ބަދަލުކޮށްފައެވެ.