ދިވެހި ރައްޔިތުންގެ އެކަތިގަނޑަކަށްވެ، ޑރ މުއިއްޒު ހޮއްވެވުމަށް ކުރީގެރައީސް ޔާމީން އިލްތިމާސް ކުރައްވައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ކެންޑިޑޭޓް ޑރ މުއިއްޒުގެ ތަރުޖަމާނު އަދި ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ޑރ މުއިއްޒުއަކީ ޕީޕީއެމް، ޕީއެންސީގެ ކެންޑިޑޭޓް ކަމަށެވެ.

ތޮލާލް ވިދާޅުވީ ޕީއެސްސީންގެ ޓިކެޓްގައި ޑރ .މުއިއްޒު ނިކުންނެވީ ޕީޕީއެމްގެ ރައީސް، ރައީސް ޔާމީންގެ ފުރިހަމަ ތާއީދާއި އެކުގައިކަމަށެވެ. ރައީސް ޔާމީން އެދިވަޑައި ގަންނަވަނީ ދިވެހި ރައްޔިތުން ރައްޔިތުންގެ ކެންޑިޑޭޓް ޑރ މުއިއްޒު އަށް ވޯޓު ދެއްވުމަށް ކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި މިސަރުކާރު ބަދަލު ކުރުމަސް ދިވެހި ރައްޔިތުންނަށް އޮތް އެންނެ ރަނގަޅު ފުރުސަތަކީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުއިއްޒު ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާކަމަށް ތޮލާލް ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ފުރިހަމަ ތައީދު ޑރ މުއިއްޒަށް އޮންނާނެ. އެމަނިކުފާނު ތާއީދާއިއެކު ޑރ.މުއިއްޒު މަސައްކަތް ކުރައްވަނީ. ރައީސް ޔާމީންގެ އިލްތިމާސަކީ ދިވެހި ހުރިހާ ރައްޔިތުން އެކަތިގަނޑަކަށްވެ ޑރ.މުއިއްޒު ހޮއްވަވައި ދެއްވުން،" ތޮލްލާ ވިދާޅުވިއެވެ.

ތޮލާލް ވިދާޅުވީ ޑރ.މުއިއްޒު ކުރައްވާ ވެރިކަމަކީ މުޅި ދިވެހި ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއްނެތި ކުރައްވާނެ ވެރިކަމެއް ކަމަށެވެ. މިސަރުކާރުން ވޯޓު ހޯދުމަށް ވަޒީފާގެ ބިރު ދެއްކުމާއި، ފައިސާނެ ނުފޫޒު ފޯރުވުން އާންމު ކަމަށް މިހާރު ހެދި ނަމަވެސް ރައްޔިތުން މިކަންކަމާއި ސާބިތު ކަމާއިއެކު ކުރިމަތި ލައްވައި ރައްޔިތުންގެ ކެންޑިޑޭޓް ޑރ.މުއިއްޒުއަށް ވޯޓު ދެއްވުމަށް ތޮލާލް ވަނީ އެދިވަޑައިގެންފައެވެ.

އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ވޯޓުލާ ދުވަހު ވަކި ކުލައެއްގެ ވަކި ވައްތަރެއްގެ ގަލަމަކުން ފާހަގަ ޖެހުމަށް ފެނަކަ ފަދަ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒިފުންނަށް ބާރުއަޅާކަމަށް ތޮލާލް ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލު ނުކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެކަމުގެ އިންޒާރު ދެމުން ދާކަމަށެވެ. ތޮލާލް ވަނީ އެއްވެސް މުވައްޒިފަކު އަދި ރައްޔިތަކުވެސް މިފަދަ ބިރަކަށް ޖެހިލުން ނުވެ ޑޜ.މުއިއްޒުއަށް ވޯޓު ދެއްވުމަށް ދަންނަވާފައެެވެ.

މިގޮތުން ވަޒީފާ ގެއްލޭ އެއްވެސް މުވައްފިޒަކީ ނިކަމެތިވާނެ މީހެއް ނޫންކަމަށާއި، ޕީޕީއެމް ޕީއެންސީގެ ސަރުކާރެއްގައި އެމީހުންނަށް ވަޒީފާ އިޔާދަ ކޮށްދެވޭނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.