ޕީޕީއެމް ބައިބައިކޮށްލާނަމޭ ހިތާ އެއްވެސް އަސާސެއް ނެތް ފާޑުފާޑުގެ ލިޔުންތައް ލިޔުނަސް އެކަން ކާމިޔާބެއް ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ ޕީޕީއެމް ބައިބައިވެ، ޕާޓީގެ ލީޑާޝިޕަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
ހަލި ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ ޕީޕީއެމް ބައިބައިވެފައިވާ ކަމަށް ފަތުރަމުންދާ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެފަދަ ވާހަކަތައް ފަތުރަނީ ޕާޓީގެ އާންމު މެމްބަރުންގެ ހިތްތަކާ ކުޅެލާނެމޭ ހިތާ ކަމަށެވެ.
"އެމީހުން ހިތުން ޕީޕީއެމް ބައިބައިވެއްޖެޔޭ. ރައީސް ޔާމީން ޕާޓީގެ ލީޑާޝިޕަށް އިތުބާރު ނުކުރައްވައޭ. މިކަހަލަ ހަގީގަތެއް ނެތް ވާހަކަތަކެއް ފެތުރީމަ އާންމު މެމްބަރުން އެކަން ގަބޫލުކުރާނެ ކަމަށްތޯ. ތިޔައީ ކުށްހީއެއް އިނގޭތޯ. ރައީސް ޔާމީންގެ ފުރިހަމަ އިތުބާރު ޕާޓީގެ ލީޑާޝިޕަށް އެބައޮތް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ލީޑާޝިޕަށް ރައީސް ޔާމީން އިތުބާރު ނުކުރައްވާތީ ޕާޓީގެ ބައެއް އިސް ބޭފުޅުން ތަސްވީރުން ގެއްލިއްޖެ ކަމަށް ބުނާއިރު، ތަސްވީރުން ގެއްލުނު ބޭފުޅެއް އެފަރާތްތަކަށް ނުދެއްކުނު ކަމަށެވެ. އަދި ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް އެއްވެސް ވަރުބަލިކަމެއް ނެތި ދިވެހި ރައްޔިތުންގެ ހައްގުގައި ކުރަންޖެހުނު ކޮންމެ ކަމެއް ވެސް ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ އެޑުވައިޒަރުން ގޮތުގަ ތިއްބެވި ބޭފުޅުންނަކީ ޕާޓީގެ ލީޑާޝިޕުން ގަޔާވާ ބޭފުޅުންތަކެއް ނޫންކަން ދެއްކުމަށް ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ޕާޓީގެ އާންމު މެމްބަރުން އެފަދަ ވާހަކަތައް ގަބޫލުނުކުރާނެ ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
"އަބްދުއްރަހީމް، މުހައްމަދު ސައީދު، އާދަމް ޝަރީފް، ޝިޔާމް، ސުޖާ، މުހަންމަދު ހުސެންސަރީފު، މުހަންމަދު ނިމާލު، ގައްސާން މައުމޫން، މި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި. މިބޭބޭފުޅުންނަކީ ރައީސް ޔާމީން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ބޭފުޅުން. އެބޭފުޅުން މަސައްކަތް ކުރައްވަމުން އެގެންދަވަނީ ސީދާ ރައީސް ޔާމީންގެ ތަސައްވުރާ އެއްގޮތަށް،" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ނުހައްގުން ދެމުން ގެންދާ އަނިޔާއިން އެމަނިކުފާނު ސަލާމަތް ކުރުމުގައި ޕީޕީއެމްގެ ލީޑާޝިޕް ދެމި އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ކޮވިޑްގެ މިހާލަތުގައި ވެސް އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ޕީޕީއެމް އިން ބޭއްވުމަކީ އެމްޑީޕީ އަށާއި އެމްޑީޕީގެ ކޯލިޝަން ސަރުކާރަށް ހަޖަމްނުވި ކަމެކެވެ.
"އަޅުގަނޑުމެންގެ ސިޔާސީ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅަމުންދާއިރުވެސް، ކޮވިޑްގެ މި ހާލަތުގައި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް މާނިވާ ސަރަހައްދު ފުރާލާފައި ބޮޑު ޖަލްސާއެއް އަޅުގަނޑުމެން ބޭއްވިން. މިއީކީ އެމްޑީޕީއަށް ވެސް އަދި މި ސަރުކާރަށް ވެސް ހަޖަމް ކުރެވުނު ކަމެއް ނޫން. އެހެންވީމަ ފާޑުފާޑުގެ ވާހަކަތައް ދައްކާނެ. އެފަދަ ވާހަކަތަކަށް އަޅުގަނޑުމެންގެ އެއްވެސް ފަރުވާލެއް ނެތް. އަޅުގަނޑުމެން ދާނީ ބާރަށް ކުރިއަށް،" މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.