ގާތްތިމާގެ ކަމުގެ ގުޅުން ނުވަތަ ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނޭ ކަމެއްކަމަށާއި އެގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނޭކަން މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގެ މައުޟޫއު "ރަހިމުގެ ގުޅުން ދެމެހެއްޓުން" މިމައުޟޫގައި ބުނީ, ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ގާތްތިމާގެ މީހުންނަށް އިހުސާންތެރިވުމާއި އެ މީހުންނަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލުއަހުވާލު ބަލައި އެ މީހުންނަށް ހެޔޮ ފޯރުވުން ކަމަށާއި އެ މީހުންނަށް ޒިޔާރަތް ކުރެވެން ނެތް ހާލަތެއްގައި މިއަދު ފޯނުން ގުޅައި ހާލުއަހުވާލު ބަލައި, މުނާސަބަތުތަކުގައި ތަހުނިޔާ ބަދަލުކުރެވިދާނެ ކަމަށެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ވާޖިބެއް ކަމަށާއި އެއީ މާތް الله ގެ ހަޟްރަތާ ތިމާ ކުއްތަން ކޮށްދޭނޭ ހެޔޮ އަމަލެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެއީ މާތް الله ގެ ހަޟްރަތުގައި ވަރަށް މާތް ކަމެއް ކަމަށާއި ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުގައި الله އަށް އަޅުކަންކުރުމާއި ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުން އެކުއެކުގައި ގެންނަވާފައިވާ ކަމަށެވެ.

ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި އެއީ އީމާންކަމުގެ އަލާމާތްތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

ހުތުބާގައި ބުނީ, ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ اللهގެ ރުހިވޮޑިގަތުން ލިބޭނެ އަދި ދުނިޔެއާއި އާހިރަތުގެ ކާމިޔާބީ ލިބޭނެ ކަމެއް ކަމަށާއި އެއީ ފާފަ ފުއްސަވާވެސް ކަމެއް ކަމަށެވެ. އަދި ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

“ފާފަތަކުގެ ތެރެއިން އަނިޔާ ކުރުމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެ ކަމުގެ ގުޅުން ކަނޑައިލުން ފިޔަވައި, އެންމެހައި ފާފަތަކުގެ ޖަޒާ, ގިޔާމަތާ ހަމައަށް މާތް الله ފަސްކުރައްވަތެވެ. ނަމަވެސް, އެ ތިން ކަމުގެ ޖަޒާ މަރުވުމުގެ ކުރިން, ދުނިޔެމަތީގައިވެސް މާތް الله ދެއްވަތެވެ,”
ހުކުރު ހުތުބާ

ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނޭކަން އަންގަވައި މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ކަމަށް ބުންޏެވެ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ އުމުރު ދިގުކޮށްދެއްވައި ރިޒްގު ތަނަވަސްކޮށްދެއްވައި ނުބައި މަރަކުން މަރުވެދިއުމާ ދުރުހެލި ކުރައްވާނޭ ކަމެއް ކަމަށްވެސް ބުންޏެވެ.

ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އޭނާގެ އުމުރު ދިގުކުރެއްވުމަށާއި ރިޒްގު ތަނަވަސް ކޮށްދެއްވުމަށާއި ނުބައި މަރަކުން މަރުވުމާ ދުރުކޮށް ދެއްވުމަށް އެދޭ މީހާ, ފަހެ الله އަށް ތަހުވާވެރިވެ, އޭނާގެ ރަހިމުގެ ގުޅުން ދަމަހައްޓާ ހުށިކަމެވެ.”
ހުކުރުހުތުބާ

ރަހިމުގެ ގުޅުން ކަނޑާ މީހުންގެ އަމަލުތައް މާތް الله ގަބޫލު ނުކުރައްވާނެ ކަމަށް ވާރިދުވެފައިވާ ކަމަށްވެސް ހުތުބާގައި ބުންޏެވެ.

ހަަމައެހެންމެ ރަހިމުގެ ގުޅުން ކެނޑުމުގެ ސަބަބުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން ދުނިޔެމަތީގައިވެސް އުގޫބާތް ލިބޭނޭކަން އަންގަވައި މާތް ނަބިއްޔާ ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ.