އިމާމުވެ ހުކުރު ނަމާދު ކުރާ ހުރިހާ ހަތީބުން ޖުއްބާ ލައިގެން ހުކުރު ނަމާދު ކުރާގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެގޮތަށް އަމަލުކުރަން ފަށައިފިއެވެ.

މިއީ ހުކުރު ކުރާ ހުރިހާ ހަތީބުންނަކީވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާބަޔަކަށް ހަދައި، އިމާމުންނާއި ހަތީބުންގެ ހައިބަތު ދެމެހެއްޓުމުގެ މަގުސަދުގައި އަމަލުކުރަން ފެށި އުސޫލެކެވެ. މި އުސޫލަށް މިވަގުތު ހަމައެކަނި މާލޭ ސަރަޙައްދުގެ ހަތީބުން ޢަމަލުކުރަމުންދިޔަނަމަވެސް، ކުރިއަށް އޮތްތާނގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް ޢަމަލުކުރަންފަށާނެއެވެ.

މާލޭ ސަރަޙައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ހަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭނެއެވެ.

މީގެ ކުރިން ރާއްޖޭގައި މިފަދައިން ޢަމަލުކޮށްފައިވީނަމަވެސް، ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ. ނަމަވެސް މިއަދު އަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ޖުއްބާލައިގެން ހުކުރުނަމާދު ކުރުމަކީ ދުނިޔޭގެ އިސްލާމީ ގައުމުތަކުގައި ކުރަމުން އަންނަ ކަމެކެވެ.