ތިލަފުށި، ވިލިމާލެ އަދި މާލެ ގުޅާލުމަށް ހަދާ ބްރިޖުގެ ތަނބުތައް ކަނޑަށް ފެއްތުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ބްރިޖުގެ ޕައިލިން މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައި ވަނީ އިންޑިއާ ހައިކޮމިޝަނުންނެވެ. އެ ކޮމިޝަނުން ބުނީ ޕައިލިންގެ މަސައްކަތާއެކު ސްޓްރަކްޗާގެ އެހެން މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

"ދެ ވަނަ ޖެކަޕް ޕްލެޓްފޯމް "މަހާރާޖާ" ވަނީ "މަހާރާނީ" ޖެކަޕް ޕްލެޓްފޯމާއެކު މާލެ އާއި ވިލިނގިލިއާ ދެމެދު މެރިން ޕައިލިންގެ މަސައްކަތް ފަށައިފި،" އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ތަނބުތައް ކަނޑުގައި ހަރުކުރުމުގެ މަސައްކަތް ފެށިއިރު ބްރިޖުގެ ސުޕާ ސްޓްރަކްޗާގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށް ކޮމިޝަނުން ބުނެ އެވެ. ތިލަމާލެ ބްރިޖުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އަދި އަންނަ އަހަރު ތިލަފުއްޓާ އެ ބްރިޖު ގުޅާލެވޭނެ ކަމަށްވެސް އެކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އެ ބްރިޖު އަޅަން 500 މިލިއަން ޑޮލަރު ހަރަދުވެ އެވެ. އޭގެ ތެރެއިން 400 މިލިއަން ޑޮލަރަކީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލޯނެކެވެ. ބާކީ 100 މިލިއަން ޑޮލަރަކީ އިންޑިއާއިން ދޭ ހިލޭ އެހީ އެވެ.