މާލޭ ސަރަހައްދުން ގޯތި ލިބުނު ފަރާތްތަަކަށް ބިން ދޫކުރާނެ ސަރަހައްދު ކަނޑައެޅުމަށް ކުރިއަށްގެންދާ ގުރުއަތު ނެގުމުގެ މަސައްކަތަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާނެ ޖާގައެއް ނޯންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރަރސްޓްރަކްޗަރ އިން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިފަދައިން ވިދާޅުވެފައި މިވަނީ މާލޭ ސަރަހައްދުން ހިލޭ ދޫކުރާ ބިންތަކުގެ ތެރެއިން، ބިން ލިބޭތަން ކަނޑައަޅަން ނަގާ ގުރުއަތުގެ ތެރެއިން މަކަރު ހަދައި ވަކި ބަޔަަކަށް ހުޅުމާލެއިން ބިން ދޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޕްލޭނިންގ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރ މުހައްމަދު އާރިފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މާލެ ސަރަޙައްދުން ހިލޭ ގޯތި ދޫކުރަން ނިންމެވި ހިސާބުން ފެށިގެން މިހާތަނަށްވެސް މަސައްކަތްކުރަމުން އައިސްފައިވަނީ އިންސާފުވެރިކަމާއެކު ހަމަހަމަ އުސޫލެއްގެ ދަށުންކަމަށެވެ. ހަމައެހެންމެ ގޯތި ގުރުނެގުމުގެ މަސައްކަތާއި ގޯތި ކެނޑުމުގެ މަސައްކަތްތައްވެސް ކުރިއަށްގެންދަވަނީ ވަކި ކޮޅަކަށް ބުރަނުވެ، އިންސާފުވެރި ކަމާއެކުގައިކަމަށްވެސް އާރިފް ވިދާޅުވިއެވެ.

އާރިފް ވިދާޅުވީ ގުރުނެގުމަށް ތައްޔާރުކޮށްފައިވަނީ އަށް ފޮށި ކަމަށެވެ. އެފޮށިތަކުގައި ގޯއްޗަށް ޝަރުތުހަމަވާ އެންމެންގެ ޕްލޮޓް ނަންބަރު ޖަހާފައިވާ ކަރުދާސްތައް ހުންނާނެކަމަށެވެ. އަދި އެ ކަރުދާސްތައް ޕްރިންޓްކޮށްފައި ވަނީ އެއްކުލައެއްގައިކަމަށާއި އެ ފޮށިތައް ހުޅުވާ އަދި ބަންދުކުރަނީވެސް ގޯތިި ލިބުނު މީހުންގެ ހާޒިރުގައި ކަމަށެވެ.

ގުރުއަތުލުމަށް ނުދާ ފަރާތްތަކުގެ ކަރުދާސްކޮޅު މިނިސްޓްރީގެ އޮފިޝަލުން ނަގާކަމަށް ބުނާ ވާހަކަތައްވެސް މިނިސްޓްރީން ދޮގުކުރެއެވެ. މިނިސްޓްރީން ވިދާޅުވީ މިމަހުގެ 20 ވަނީ ދުވަހުގެ ނިޔަލަށް ގުރުއަތުލުން ކުރިއަށްދާނެކަމަށާއި، ގުރުއަތުލުމަށް ނާންނަ މީހުންނަށް އެ ދުވަހާ ހަމައަށް އެ ފުރުސަތު އޮންނާނެކަމަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޭނެ ސަރަަހައްދުތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ. ބިންވެރިޔާ ސްކީމަށް ހުޅުވާލުމުން 23000 އަށްވުރެ ގިނަ މީހުން ފޯމު ހުށައެޅިއިރު، ޝަރުތު ހަމަވާ ދާއިމީ ލިސްޓްގައި 19639 މީހުން ގޯއްޗަށް ޝަރުތު ހަމަވާވާކަމަށް ވަނީ ކަނޑައަޅަފައެވެ. މީގެތެރިން މި ދައުރުގަައި 18955 މީހުންނަށް ގޯތި ދޭނެއެވެ.ފުރަތަމަ ގުރުއަތުލުން ކުރިއަށްގެންދަނީ މި 18955 މީހުންގެއެވެ. ޕްލޭނިން މިނިސްޓްރީން ވިދާޅުވީ ގޯތި ކެނޑުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށެވެ.