ގުޅީފަޅުން މިހާރުވެސް 400 ގޯތި ދޫކުރެވޭވަރަށް ބިން އެބައޮތް ކަމަށާއި، ނޮވެމްބަރު 11 ގެ ކުރިން 2200 ގޯތި ދޫކުރާނެ ކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތް ސަރަހައްދު ނޫސްވެރިންނަށް ދައްކާލުމަށްޓަކައި ގުޅީފަޅަށް މީޑިއާތަކާއި އެކު ކުރެއްވި ދަތުރުފުޅުގައި އެ ރަށުން ދޫކުރާ ބިންތަކާއި ގުޅޭ މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ ގުޅީފަޅުން ޖުމްލަ 2200 ގޯތި ލިބޭ ފަރާތްތަކަށް އިން ވަކިކޮށް ގޯތިކަނޑާ، ނޮވެމްބަރު 11ގެ ކުރިން ރަޖިސްޓްރީ ހަވާލުކުރާނެ ކަމަށެވެ.

ގުޅީފަޅުން ގޯތިދޫކުރަން ބިން ހިއްކަމުންދާ ސަރަހައްދަކީ ތިލަމާލެ ބްރިޖް އައިސް ގުޅޭ ސަރަހައްދު ކަން ފާހަގަކުރައްވާ އަކްރަމް ވިދާޅުވީ ބްރިޖާއި ގުޅޭ ސަރަހައްދު މިހާރު އޮތީ ހިއްކާ ނިމިފައި ކަމަށެވެ.

ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ޖުމްލަ 3 ބްރިޖްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި އަކްރަމް ވިދާޅުވީ މާލެ އާއި ވިލިމާލެ އާއި ގުޅީފަޅާއި، ތިލަފުށި އަދި ގިރާވަރު ފަޅު ބްރިޖުން ގުޅާލުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށްދާ ކަމަށެވެ.