ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 9-10 އިން ނަޝްވިލް ބަލިކޮށް ލީގްސް ކަޕް ޗެމްޕިއަންކަން އިންޓަމިއާމީން މިއަދު ހެނދުނު ހޯދުމާއެކު ފުޓްބޯޅައިގެ ތާރިހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރުމުގެ ރެކޯޑް އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއަށް ލިބިއްޖެއެވެ.

ނަޝްވިލްގެ ދަނޑުގައި 30،000 ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މިމެޗުގައި އިންޓަމިޔާމީއިން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ލީޑް ނެގީ ނަޝްވިލްގެ ސެންސާކަލް މަތިން ކަހަލަ ގޮތަކަށް މެސީ ކާމިޔާބު ކޮށްދިން ހިތްގައިމު ލަނޑުންނެވެ.

ނަޝްވިލްއިން އެއްވަރު ކުރީ 57 ވަނަ މިނެޓުގައި ފަފާ ޕިކައުލްޓުގެ ލަނޑުންނެވެ. މިނަތީޖާގައި އޮވެ މެޗް ނިމެން ދަނިކޮށް މަޔާމީއަށް މެޗުން މޮޅުވާން ރަނުގެ ފުރުސަތެއްވެސް ލިބުނެވެ. އެކަމަކު ކަމްޕަނާ ފޮނުވާލި ހަމަލާ ގޯލަށް އަމާޒު ކޮށްލެވޭ ގޮތެއް ނުވިއެވެ.

ޕެނަލްޓީ ޝޫޓްއައުޓުގައި މަޔާމީގެ ތަރިޔަކަށްވީ ކީޕަރު ޑްރޭކް ކަލެންޑާއެވެ. އޭނާ ވަނީ މެޗް ނިމެން ދަނިކޮށް މޮޅު ސޭވެއް ކުރުމުގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓުގައި ޕެނަލްޓީއެއް މަތަކޮށް މޮޅުވި ޕެނަލްޓީ ކާމިޔާބު ކޮށްދީފައެވެ.

ލީގްސް ކަޕުގައި މެސީ މަޔާމީއިން ކުޅުނު 7 މެޗުގައިވެސް މެސީ ވަނީ ލަނޑު ޖަހައިފައެވެ. މި 7 މެޗުގައި މެސީ ވަނީ 10 ލަނޑު ކާމިޔާބުކޮށް މުބާރާތުގެ ރަންބޫޓާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

މިތައްޓާއެކު މެސީގެ ކެރިޔަރުގައި 44 ތަށި ލިބި، ފުޓްބޯޅައިގެ ތާރިހުގައި އެންމެ ގިނަ ތަށި ކާމިޔާބު ކުރުމުގެ ޝަރަފް ލިބުނީއެވެ. މެސީގެ ފަހަތުން ދެވަނައިގައި އޮތީ 43 ތަށި ކާމިޔާބު ކޮށްފައިވާ ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ޑެނީ އަލްވެސްއެވެ.

ލީގްސް ކަޕަކީ އެމެރިކާ އާއި މެކްސިކޯގެ ކްލަބުދަތުގެ މެދުގައި ކުޅޭ އެންމެ ވަރުގަދަ އެއްމުބާރާތެވެ. މިމުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު އަންނަ އަހަރު އޮންނަ އުތުރު އެމެރިކާ ކްލަބުތަކުގެ މެދުގައި ކުޅޭ ސަރަހައްދީ މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް މަޔާމީއަށް ވަނީ ކަށަވަރު ވެފައެވެ.