އިންޑިއާގެ އަމިއްލަ ކޮވިޑް 19 ވެކްސިން އުފެއްދި ކުންފުނި ބާރަތު ބަޔޯ ޓެކް ވަނީ ވެކްސިންގެ ދާއިރާގައި އައު ތަރިއަކަށް ވެފައެވެ. 1996 ގައި މި ކުންފުނި ވުޖޫދަށް އައީ ހެޔޮ އަގެއްގައި ލިބޭނެ، ހެޕެޓައިޓިސް ބީ ވެކްސިން އުފެއްދުމުގެ މަގްސަދުގައެވެ. އެ މަސައްކަތް އެކުންފުނިން ކާމިޔާބު ކުރިއެވެ.

ބާރަތު ބަޔޯ ޓެކްގެ ދުރުވިސްނުމާއި ބުރަ މަސައްކަތް ކާމިޔާބު ވެގެން ދިޔައީ ރޭވުންތެރިކަމާއެކު ކުންފުނީގެ ވެރިން ކުރި މަސައްކަތުންނެވެ.

1999ގައި އިންޑިއާ ސަރުކާރުން ބޭނުންވީ، ބޭރަށްހިންގުމުގެ ބަލި ޖައްސާ ރޯޓޯވައިރަސް އިން ސަލާމަތް ވާނެ ވެކްސިންއެއް އުފެއްދުމަށް އިންޑިއާގައި ވެކްސިން އުފައްދާ ކުންފުނިތަކަށް ދައުވަތުދީގެން އަމިއްލަ ވެކްސީނެއް އުފައްދާށެވެ.

އެއިރު ބާޒާރުގައި ލިބެން ހުރި ވެކްސިން އަކީ އެމެރިކާގެ ކުންފުންޏަކުން އުފައްދައިގެން 200 ޑޮލަރަށް ޑޯޒެއް ވިއްކަމުން ދިޔަ ވެކްސިން އެކެވެ. (ފަހުން މި ވެކްސިން ނާކާމިޔާބު ވެގެން ބާޒާރުން ނެގުމަށް އެމެރިކާ ކުންފުންޏަށް މަޖުބޫރުވީއެވެ.)

އިންޑިއާ ސަރުކާރުގެ ބަޔޯ ޓެކްނޮލޮޖީ ޑިޕާޓްމަންޓުން ދިން ދައުވަތަށް ވެކްސީން އުފައްދާ ކުންފުނިތަކުން ލިބިގެން ދިޔައީ ވަޅޯތާފަނާ ތަރުހީބެކެވެ. އިޢްލާނަށް އިޖާބަ ދިނީ އެންމެ ކުންފުންޏަކުންނެވެ. އެއީ ވެކްސިންއެއް އުފެއްދުމުގެ ދާއިރާގައި ތަޖުރިބާއެއް ނެތް، އަދި ކުންފުނިން މަސައްކަތް ފެށިތާ އެންމެ ތިން އަހަރުވީ ކުންފުންޏެކެވެ.

ރޯޓޯވައިރަސްގެ ނުރައްކަލާއި ހޯދަން ޖެހިފައިވާ ފަރުވާގެ މުހިންމު ކަމުން އިންޑިއާގެ ބައޯޓެކްނޮލޮޖީ ޑިޕާޓްމަންޓުން ނިންމީ ތިން އަހަރުވީ ކުންފުންޏާއެކު ކުރިއަށް ދާށެވެ.

ކުއްޔަށް ހިފާފައިވާ، ތިން ބުރީގެ އިމާރާތެއްގައި ބާރަތު ބައޯ ޓެކްއިން ވެކްސިން އުފައްދައި 15 އަހަރު ވަންދެން ދިރާސާ ކުރުމަށްފަހު ހުއްދަ ދީފައިވާ ރޯޓޯވައިރަސް ވެކްސިން ގެ ސަބަބުން ކުންފުންޏަށް އަމިއްލަ ކުޅަދާނަކަމާ މެދު އިތުރު އިތުބާރެއް ލިބިގެން ދިޔައެވެ.

ބާރަތު ބައޯ ޓެކްގެ ރޯޓޯވައިރަސް ވެކްސިންގެ އަގަކީ އެންމެ ޑޮލަރެކެވެ. އެއީ ސަރުކާރާއެކު އެއްބަސްވީ ގޮތެވެ.

ހައިދަރްއާބާދުގެ މިކުންފުނިން ދެން ހައިދަރްއާބާދު ސަރުކާރަށް ވިސްނައި ދިނީ ޓެކްނޮލޮޖީ ޕާކްތައް ގާއިމްކޮށްފައިވާ ފަދައިން ޖީންގެ ދާއިރާގައި ރިސާޗް ކުރުމާއި އުފެއްދުމުގެ މަސައްކަތް ކުރުމަށް ޖެނޯމް ސިޓީއެއް ހައިދަރްއާބާދުގައި އުފައްދަންވީ ކަމަށެވެ.

ޗަންދްރަ ބާބޫ ނައިޑޫ އުފެއްދެވި މި ސިޓީގައި ބާރަތު ބައޯޓެކް އަކީ މިހާރު އަލިގަދަ ތަރިއެކެވެ.

ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާރއާއި ފެސިލިޓީއާއެކު ބާރަތު ބައޯ ޓެކް އިން ވަނީ އެކުންފުނީގެ އުފެއްދުން އިތުރުކޮށްފައެވެ. އޭގެ ތެރޭގައި ރޭބީސްއާއި ޕޯލިއޯއާއި ފައިލޭރިއާއާއި އެޗް1އެން1އާއި އަދި އެނޫނަސް އިތުރު 15 ވެންސިންއެއް ހިމެނެއެވެ.

ކޯވެކްސިންގެ ކުރިން މިކުންފުނިން މިފަހުން ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ޓައިފޮއިޑަށް ވެކްސިންއެއް އުފެއްދުމެވެ. ދުނިޔޭގެ ސިއްޙަތު ޖަމުއިއްޔާއިން އެޕްރޫވް ކޮށްފައިވާ ކާމިޔާބު މި ވެކްސިންއަކީ ޓައިފޮއިޓަށް ލިބެންއޮތް ހަމައެކަނި ވެކްސިންއެވެ.

ބާރަތު ބައޯ ޓެކްއިން ޖަނަވާރުންނަށް ބޭނުންވާ ވެކްސިންވެސް އުފައްދައެވެ.

ބާތަރު ބައޯ ޓެކްގެ ވާހަކަ މިހާރު މަޝްހޫރުވެފައިވަނީ އިންޑިއާގައި ކާމިޔާބު ކަމާއެކު ޓެސްޓްކޮށްފައިވާ އިންޑިއާގެ އަމިއްލަ ވެކްސިން ކަމަށްވާ ކޯވެކްސިން ކާމިޔާބު ވުމުންނެވެ.

ލަފާ ކުރެވޭ ގޮތުގައި މި ވެކްސިން އުފައްދާނީ ހައިދަރްއާބާދު ފެސިލިޓީގައެވެ. އެކުންފުނިން ވަނީ ވެކްސިން އުފެއްދުމަށް އެހެން ދެ ފެސިލިޓީއެއް ވެސް ކަނޑައަޅާފައެވެ.