ރިޔާސީ ކެމްޕޭންގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްޑރ މުއިއްޒުގެ ރަނިންގމޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް(ސެމްބެ) އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީން، ސެމްބެއަށް ފިސާރި ފޯރިއާއެކު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އައްޑޫ ސިޓީއަށް ސެމްބެ ކުރައްވާ ދަތުރުގައި ފުރާ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ސެމްބެއާއިއެކު ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ގައްސާން މައުމޫންވެސް މިދަތުރުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ސެމްބެ އައްޑޫއަށް ވަޑައިގެންނެވި ނަމަވެސް އެސިޓީގެ ގިނަ ބަޔަކު ވަނީ އެއާޕޯޓުން ސެމްބެއަށް މަރުހަބާ ދަންނަވާފައެވެ.

ސެމްބެ އައްޑޫއަށް ވަޑައިގެންފައިވާއިރު މާދަމާ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުއާއި ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އައްޑޫ އަށް ވަޑައިގެން، ސެމްބެ ވަނީ އެސިޓީގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފަވެއެވެ.

އިންތިހާބަށް 19 ދުވަހަށް ވެފައިވާއިރު ބައެއް ރަށްރަށުގައި ސިޔާސީ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލެއްވި ހުރިހާ ކެންޑިޑޭޓުންވެސް ދަނީ ހަމައެހާމެ ޖޯޝާއި ޔަގީންކަމާއެކު ކެމްޕޭނު ކުރައްވަމުންނެވެ.