ފެނަކަ ކޯޕަރޭޝަނުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް ޑިޖިޓަލައިޒޭޝަން މަގަށް ބަދަލު ކުރައްވަން މިއަހަރު ވަރަށްބޮޑު އިސްކަމެއް ދެއްވާނެ ކަމަށް އެކުންފުނީން ވިދާޅުވެއްޖެއެވެ.
އެކުންފުނީން މިހާރުވެސް ވަނީ ބައެއް ޚިދުމަތްތައް ޑިޖިޓަލައިޒް ކުރައްވައިފައެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދު ވިދާޅުވީ މިއަހަރު އިތުރު ތިން ކަމަކަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ. އެއީ ކުންފުނީގެ އިންސާނީ ވަސީލަތްތައް ހަރުދަނާކޮށް އިތުރު ކުރު ކުރުމާއި، އިޔާދަ ކުރަވަނިވި ހަކަތައިގެ މަޝްރޫޢު ކުރިއަށް ގެންދިޔުމާއި، ޕަވަރ ހައުސްތައް އެކަހެރި ސަރަހައްދުތަކަށް ބަދަލު ކުރުމަށް ހިންގާ މަޝްރޫއުތައް އަވަސްކުރުން ކަމަށް ސަޢީދު ވިދާޅުވިއެވެ. އެހެންނަމަވެސް މި މަސައްކަތްތަކުގެ ތަފްސީލެއް ސަޢީދު ނުދެއްވައެވެ.
މީގެ ކުރިން ފެނަކައިން ވިދާޅުވެފައިވަނީ މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް އައުކުރެއްވުމަކީ އަމާޒެއް ކަމަށެވެ. މިހާރު ވެސް އެތައް އިންޖީނުގެއެއްގެ މަސައްކަތް އެކުންފުނީން ގެންދަވަނީ ކުރައްވަމުންނެވެ.
މިއަހަރު ނިމޭއިރު މަދުވެގެން 60 އަށްވުރެ ގިނަ އިންޖީންގެތައް އެކިރަށްރަށުގައި ރީލޮކޭޓު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެކުންފުނީން ވިދާޅުވެފައިވެއެވެ.
ފެނަކައިން ގެންދަވަނީ އިޔާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފައްދުމުގެ މަސައްކަތް ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރައްވަމުންނެވެ. އެގޮތުން އެމަސައްކަތް މިއަހަރުތެރޭ އިތުރަށް ފުޅާކޮށް ހަލުވި ކުރެއްވުމަކީ މިއަހަރު މައިގަނޑު ގޮތެއްގައި ކުރައްވާނެ އެއް ކަންތަކެވެ.
ރާއްޖޭގައި މީހުން އުޅޭ ރަށްރަށުގެ ތެރެއިން ރަށެއް 100 ޕަސެންޓް ސޯލާ ހަކަތައަށް ބަދަލު ކުރެއްވުމުގެ މަސައްކަތް ވެސް ފެނަކައިން ގެންދަވަނީ ކުރައްވަމުންނެވެ. "އިރާދަ ކުރެއްވިއްޔާ ފެބުރުއަރީ މަސްތެރޭގައި މުޅި މަޝްރޫޢު ނިމެނޭ،" ސަޢީދު ވިދާޅުވިއެވެ. މިއީ އަޖުމަ ބެލުމުގެ ގޮތުން ރާއްޖޭގައި ހިންގާ މަޝްރޫޢެކެވެ.
ފެނަކައަކީ ސަޢީދުގެ މެނޭޖިންޑިރެކްޓަރު ކަމާ ހަމައަށް ވެސް އެއްވެސް ފައިދާއެއް ނުލިބި ގެއްލުމުގައި ހިންގަމުން އައި ކުންފުންޏެކެވެ. އެހެންނަމަވެސް އެކުންފުނި މިހާރު ވަނީ ފައިދާވާ ކުންފުންޏަކަށް ބަދަލުވެ ރެކޯޑު ހަދައިފައެވެ. އޭގެ އިތުރުން ސަޢީދުގެ އާރުކާޓީ ކަމުގެ ދަށުން އެކުންފުނި ވަނީ ބައިނަލްއަޤުވާމީ އެތައް އެވޯޑެއް ޙާސިލް ކުރައްވައިފައެވެ. އޭގެ އިތުރުން އެތަނުގެ ޚިދުމަތް ވަނީ އައިއެސްއޯ ފެންވަރަށް ތަރައްޤީ ކުރެވިފައެވެ.
ފެނަކައިން ގެންދަވަނީ އެކުންފުނީގެ ޚިދުމަތް ދުވަހުން ދުވަހަށް ރަނގަޅުކޮށް ރައްޔިތުންނަށް ފުރިހަމަ ޚިދުމަތެއް ދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.