ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު "ގެދޮރުވެރިޔާ" ސްކީމްގައި މާލެ ސަރަހައްދުން ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތު ނެގުމަށް މިހާތަނަށް ހާޒިރުވެފައި ނުވާ މީހުންގެ ގުރުއަތުލުން މާދަމާ ބާއްވަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން މިއަދުގެ ނިޔަލަށް ގުރުއަތު ނެގުމަށް ހާޒިރު ނުވާ ފަރާތްތަކުގެ ގުރުއަތުލުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގަލޮޅު ދަނޑުގައިކަމަށެވެ. އަދި ގުރުނެގުމަށް ހަމަޖެހިފައިވާ ގަޑިއަކީ މާދަމާ ހެދުނު 10:00 ގައި ކަމަށްވެސް އެމިނިސްޓަރީން ވަނީ ހާމަކޮށްފައެވެ.

މާދަމާ ހުޅުވާލެވޭ ފުރުސަތުގައިވެސް ގުރުއަތު ނެގުމަށް ހާޒިރުނުވާ ފަރާތްތަކުގެ ގުރުއަތު ނަގާނީ މީޑިއާތަކުގެ ކުރިމަތީގައިކަމަށާއި އަދި އެގުރު ނަގާނީ އެ މިނިސްޓްރީގެ އޮފިޝަލުން ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މީގެ ކުރިންވެސް ހައުސިން މިނިސްޓްރީން ވަނީ ގުރުއަތު ނެގުމަށް ހާޒިރު ނުވާ ފަރާތްތަކަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބުނެފައެވެ.

މިނިސްޓްރީން ފުރަތަމަ "ބިންވެރިޔާ ސްކީމް"ގެ ދަށުން ދޫކުރާ ގޯތީގެ ގުރުއަތު ނެގުމާ ކުރި ގުޅޭގޮތުން އިއުލާނުގައި ބުނެފައިވާ ގޮތުން ގުރުއަތު ނެގުމަށް ދީފައިވާ ގަޑިއަށް އެއްވެސް މީހަކު ހާޒިރު ނުވެއްޖެނަމަ އެމީހެއްގެ ބަދަލުގައި ގުރުއަތުގައި ބައިވެރިވާނީ މިނިސްޓްރީގެ އޮފިޝަލެކެވެ. އެއީ ގުރުއަތު ނެގުން މެދުނުކެނޑި ކުރިއަށްގެންދިއުމަށް ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ..

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިއީ މިނިސްޓްރީން ގޯތި ދިނުމުގައި މަކަރު ހަދައި އޮޅުވާލުމަށް ނިންމާފައިވާ ގޮތެކެވެ. ނަމަވެސް, އޭގެ ފަހުން، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސީނިއާ އެކްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވަނީ އެ ނިންމުން ބަދަލުކޮށް ގުރުއަތު ނެގުމުގައި އޮފިޝަލުން ބައިވެރިވުން ބަދަލުކުރި ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބޭ ތަން ކަނޑައެޅުމުގެ ގުރުއަތަށް ހާޒިރު ނުވާ މީހެއްގެ ބަދަލުގައި އެއްވެސް އޮފިޝަލަކު ގުރުއަތުު ނުނަގާނެ ކަމަށާއި އެ މީހަކަށް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން އެދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަނީ ބުނެފައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅި 97 ޕަސެންޓު މީހުންނަށް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ 18،955 މީހުންނަށް 9001 ގޯއްޗެވެ. ގޯތި ދެނީ ހުޅުމާލެއާއިި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.