ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަަރައްގީ ކުރި ވިނަރެސް ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުމުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފިއެވެ.

އާބަންކޯއިން ބުނީ ވިނަރެސް ފުލެޓުތަކުގެ ތަޅުދަނޑި ހަވާލުކުރުން ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތު އޮންނާނީ މާދަމާ ހަވީރު ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ޓަވަރު 10އެއްގެ ފަހަތުބަގައި ކަމަށެވެ.

ވިނަރެސްގެ 1344 އެޕާޓުމަންޓު ގަތުމަށް ހުޅުވާލި ފުރުސަތުގައި ހުށަހަޅާފައި ވަނީ ޖުމްލަ 1413 ފޯމެވެ. ފޯމު ހުށަހެޅި މީހުންގެ ތެރެއިން ޝަރުތުހަމަވީ 723 މީހުންނެވެ. މީގެ އިތުރުން، ހިޔާ ފްލެޓު ދޫކޮށްލި ފަރާތްތަކާއި، ސީލައިފުގެ ފްލެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް އަދި ގުޅިފަޅުން ކުރިން ފުލެޓް ލިބުނު ފަރާތްތަކަށް ވިނަރެސް ފްލެޓު ދޭނެ އެވެ.

ވިނަރެސް މަޝްރޫއަކީ އާބަންކޯއިން ލޯނު ނަގައިގެން ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ. ވިނަރެސްގެ 1344 ހައުސިން ޔުނިޓްގެ ތެރެއިން، އާންމުކުރި ލިސްޓުގައިވާ މީހުނަށް ޔުނިޓް އިހުތިޔާރު ކުރުމުގެ ފުރުސަތު ލިބޭނީ ހިޔާ، ސީލައިފް އަދި، ގުޅީފަޅު ކެޓަގަރީގެ މީހުން އިހުތިޔާރުކުރާ ޔުނިޓުތައް އުނިކޮށް ބާކީވާ ޔުނިޓްތަކުންނެވެ.

"މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް" މޮޑެލްއަށް ތަރައްގީ ކޮށްފައިވާ މި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކާއި މުދަލާއި ހިދުމަތްތައް ފޯރުކޮށްދޭން ވިޔަފާރިތަކަށް ދޫކުރާ ކޮމާޝަލް ޔުނިޓުތައް ވެސް ހުންނާނެ އެވެ. ބައެއް ޔުނިޓުތައް މިހާރު ވަނީ ވިޔަފާރިތަކަށް ދޫކޮށްފައެވެ.