ކެޕްޓަން އޮލްގާ ކާމޯނާ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައި ކާމިޔާބު ކުރި ލަނޑުން 1-0 އިން އިނގިރޭސިން ބަލިކޮށް ފީފާ ވިމެންސް ވަރލްޑް ކަޕުގެ ތަށި ފުރަތަމަ ފަހަރަށް ސްޕެއިނުން ކާމިޔާބު ކޮށްފިއެވެ.

އޮސްޓްރޭލިޔާގެ 83،000 ސަޕޯޓަރުން ޖާގައިގެ "ސްޓޭޑިއަމް އޮސްޓްރޭލިޔާ" ގައި ކުޅުނު މިމެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސްޕެއިނުންނެވެ. މިގޮތުން އިނގިރޭސި ގޯލަށް ސްޕެއިނުން 13 ހަމަލާ ފޮނުވާލިއެވެ. އިނގިރޭސިންނަށް ފޮނުވާލެވުނީ 8 ހަމަލާއެވެ.

ދެވަނަ ހާފުގައި އިނގިރޭސިން ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. އެކަމަކު ސްޕެއިނުގެ މެދުތެރެއިން ކޮންޓްރޯލް ނަގައިގެން ކުޅެމުން ދިޔުމުގެ ސަބަބުން މާނުރައްކާތެރި ހަމަލާތަކެއް އިނގިރޭސިންނަށް އުފެއްދޭ ގޮތެއް ނުވިއެވެ.

މެޗުގެ އުސްއަލިތަކުގެ ލިންކް:

https://www.plus.fifa.com/en/content/f450a256-95a2-4482-b640-21714afd6696?gl=mv&cid=(p_go-box)(c_fifaplus)(sc_wwc)(ssc_highlights)(l_)(ch_)(cc_2min)&pid=(p_go-box)

މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ސްޕެއިނު ޓީމުގެ މެދު ތެރޭގައި މޮޅު ކުޅުމެއް ދެއްކި ބާސެލޯނާގެ އައިޓާނީ ބޮންމަތީއަށެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ލިބުނީ ނޮކައުޓް ސްޓޭޖުގައި ސްޕެއިނުން ވިދާލި އުމުރުން އެންމެ 18 އަހަރުގެ ސަލްމާ ޕަރައްލުއެލޯއަށެވެ. ރަންބޫޓް ލިބުނީ މުބާރާތުގައި 5 ލަނޑު ޖެހި ޖަޕާނުގެ ހިނާޓާ މިޔަޒަވާއަށެވެ. މޮޅު ކީޕަރުގެ މަގާމް އިންގްލެންޑުގެ މެރީ އިއާޕްސްއަށް ލިބުނުއިރު، މުބާރާތުގެ ފެއަރ ޕްލޭ ޓީމަކީ ޖަޕާނެވެ.

އަންހެން ފުޓްބޯޅަ ކުރިއެރުވުމަށް ފީފާއިން ވަރަށް ބޮޑަށް އަމާޒު ހިފާފާއިވާއިރު، ޗެމްޕިއަން ޓީމަށް ދިނުމަށް ފީފާއިން މިފަހަރު ނިންމީ 10.5 މިލިޔަން ޑޮލަރެވެ. ރަނަރއަޕް ޓީމަށް 7.5 މިލިޔަން ދޭން ނިންމިއިރު، ތިންވަނަ ހޯދާ ގައުމަކަށް 6.7 މިލިޔަން އަދި ހަތަރުވަނައަށްދާ ގައުމަކަށް 6.250 މިލިޔަން ދިނުމަށް ފީފާއިން ވަނީ ނިންމާފައެވެ.