އެމްޕީއެލުން ކަނޑާލި މުވައްޒަފަކަށް ބަދަލުގެ ގޮތުގައި އެއް ރުފިޔާ ނަގައިދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އެމްޕީއެލްގެ ތެލުގެ ބޮޑު ހިޔާނާތުގައި ތުހުމަތު ކުރެވޭ މުވައްޒަފަކަށް އެއް ރުފިޔާގެ ބަދަލެއް ނަގައިދޭން ހައިކޯޓުން މިއަދު ހުކުމް ކުރީ، އެ މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ކުރި ހުކުމް، އެ ކުންފުނީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
2021 ވަނަ އަހަރު ވަޒީފާއިން ވަކިކުރި، އެމްޕީއެލްގެ އޭރުގެ ޗީފް މެނޭޖަރުކަމުގެ މަގާމުގައި ހުރި މި މުވައްޒަފުގެ މައްސަލައިގައި އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ މުވައްޒަފުންތަކަކާއި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) ގެ މުވައްޒަފުންތަކެއް ގުޅިގެން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާކަން ހާމަވުމާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ދެނެގަތުމަށް ކުންފުނީގެ ސީ.އީ.އޯ އެކުލަވާލި ހާއްސަ ކޮމެޓީއިން ކުރިއަށް ގެންދިޔަ ތަހުގީގުން ހިޔާނާތުގެ އަމަލު ހިންގި ކުންފުނީގެ މުވައްޒަފުންގެ ތެރޭގައި އެ މުވައްޒަފުވެސް ހިމެނޭތީއެވެ. މިއީ ކޮވިޑުގެ ދުވަސްވަރު ހިނގާފައިވާ ހާދިސާއެކެވެ.
މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އެ މުވައްޒަފަށް އަލުން ވަޒީފާދީ، އަދި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އަލުން ވަޒީފާއަށް ނެރޭ ދުވަހާއި ހަމައަށް މުސާރައާއި އިނާޔަތްތައް ދިނުމަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އަގްލަބިއްޔަތުން ނިންމާފައިވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް، ހަތް ދުވަހުގެ ތެރޭގައި އެ މުވައްޒަފަށް އެއް ރުފިޔާގެ ބަދަލެއް ދިނުމަށެވެ.