ކ.މާފުށީ ކައުންސިލްގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބުވި ނަސީހް މުޙައްމަދު އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

ނަސީހު އެމްޑީޕީއާއި ގުޅުމަށްފަހު ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއެވެ.

މީގެ އިތުރުން އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ވަނީ ރައީސް ޞާލިހާއި އެރަށުގެ ބައެއް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އެގޮތުން ނާސީހު ސޮއިކުރެއްވުމުން ކައުންސިލްގެ 5 މެމްބަރުން ތެރެއިން 4 މެމްބަރުންނަކީ އެމްޑީޕީ މެމްބަރުންނެވެ. އަނެއް މެމްބަރަކީ ޕީޕީއެމްއަށް ނިސްބަތްވާ މެމްބަރެކެވެ.

މާފުއްޓަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮންނަ ރަށެކެވެ. ލޯކަލް ޓޫރިޒަމް ރާއްޖޭގައި އެންމެ ބޮޑު އެއްރަށަކީ މާފުއްޓަށްވާއިރު އެރަށުގެ އަސާސީ ގިނަ ކަންކަން މިސަރުކާރުން ވަނީ ކޮށްދެއްވާފައެވެ. ރިޔާސީ އިންތިޚާބާއި ދިމާކޮށް ކައުންސިލްތަކުގެ މެމްބަރުންނާއި، ރައީސުން އެކި ޕާޓީތަކަށް ދަނީ ސޮއި ކުރަމުންނެވެ.

އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ގައްދޫ ކަންސިލް ރައީސް އަހުމަދު މުހައްމަދާއި އިތުރު މެމްބަރަކު ވަނީ އެމްޑީޕީއާއި ގުޅިފައެވެ. މިދެބޭފުޅުންނަކީވެސް ޕީޕީއެމްއަށް ނިސްބަތްވާ ދެބޭފުޅުންނެވެ.