މިރޭ އިރުއޮއްސުނު ވަގުތު ނ. މާފަރުގެ ފަޅުތެރެއަށް ވަން ކަންނެލި އައިނު އެއްކޮށް ހިފައި، އެ މަސްތައް ބަހައިފިއެވެ.

މާފަރު ކައުންސިލުގެ މެމްބަރު މުހައްމަދު އާމިރު ވިދާޅުވީ، މަސް އައިން ހިފުމުގައި އެ ރަށު ހުރިހާ މީހުން އަދި ރަށުގައި ދިރިއުޅޭ ބިދޭސީން ބައިވެރިވި ކަމަށާއި މަސް އައިނު ހިފުމަށް ރަށުގެ ދޯނިފަހަރު އަދި ބައެއް މީހުން ދާ ޖަހައިގެން މަސް ހިފި ކަމަށް އޭނާ ވިދާޅުވިއެވެ.

"303 މަސް ހިފުނު. ކޮންމެ ގެއަކަށް ދެ މަސް، ބިދޭސީން ދިރިއުޅޭ ކޮންމެ ގެއަކަށް އެއް މަސް، މަސައްކަތު ސައިޓުތަކަށް މަސް، ދޯންޏަށާއި ދަލަށް ތިން މަސް،" ކަންނެލި މަސް ބެހިގޮތުގެ ތަފުސީލު ދެމުން އާމިރު ވިދާޅުވިއެވެ.

މާފަރަކީ ބޮޑު އަދި ތިލަ ފަޅެއް އޮންނަ ރަށެކެވެ. މީގެ ކުރިން ބައެއް ރަށްތަކުގެ ފަޅުތެރެއަށް މުށިމަސް އައިނުތައް ވަނީ ވަދެފައި ވީނަމަވެސް ކަންނެލި އައިނެއް އެގޮތަށް ފަޅުތެރައަށް ވަންކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ފަޅުތެރެއަށް މަސް އައިނުތައް ވަންނަނީ ބޮޑު ދިޔައިގައެވެ. އެހެންވަދެ އުޅުމުގެ ތެރޭގައި ދިޔަވަރު ބަދަލުވާ ވަގުތު ނުނިކުމެވި ތާށިވާގޮތްވަނީއެވެ.