ފ. ނިލަންދޫގައި ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް ކައުންސިލާހެދި މަޑުޖެހިފައި ނޯންނާނެކަން ހާމަކުރުމާއެކު. އެގޮތަށް ކައުންސިލާ ހެދި މަޑުޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ކައުންސިލުން ދޮގުކޮށްފިއެެވެ.
މިހެން ބުނެފައިވަނީ ފ ނިލަންދޫކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައެވެ. އެބަޔާނުގައި ނިލަންދޫ ކައުންސިލުން ބުނީ މިހިނގާ ސަރުކާރުގައި ކުރިއަށް ގެންދަން ބޭނުންވާ އެއްވެސް މަޝްރޫއުއެއް ކުރިއަށް ގެންދިޔުމުގެ ހުރަހައެއް އަޅާފައި ނުވާނެކަމަށެވެ. އަދި އެއްވެސް ކަމެއް ކުރިއަށް ގެންދިޔަ ނުދީ ހުއްޓުވާފައިވެސް ނުވާނެކަމަށް ބަޔާނުގައިވެއެވެ.
ކައުންސިލުން ނެރުނު ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، މިހާތަނަށް އެރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެކި މަޝްރޫއުތަކާ ގުޅިގެން ފުރިހަމަ ކުރަން ފޮނުއްވި ލިޔެކިޔުންތައް ސަރުކާރުން އެދިލެއްވި މުއްދަތުގައި ވާނީ ފޮނުވާފައެވެ. އޭގެ ތެރޭގައި އެރަށު ފަޅުގައި ދެ ރިސޯޓެއް ހެދުމުގެ މަޝްރޫއާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުން ނިންމި ގޮތާއި ބަނދަރު އެކްސްޓެންޝަން ޕްރޮޖެކްޓާ ގުޅިގެން ފުރިހަމަ ކުރަން ޖެހުނު ލިޔެކިޔުންތަކާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއާއި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ އަޕްގްރޭޑްގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ފުރިހަމަ ކުރަން ޖެހުނު ލިޔެކިޔުންތައް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން އެދިލައްވާފައިވާ މުއްދަތުގެ ތެރޭގައި ފޮނުވާފައިވާ ކަމަށްވެސް އެބަޔާނުގައި ނިލަންދޫކައުންސިލުން ހާމަކޮށްފައިވެއެވެ. އެހެންކަމުން އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންގޮސްމަޑުޖެހިފައި އޮންނަނީ ކައުންސިލުގެ ސަބަބުން ކަމަށް ބުނެ، ސޯޝަލްމީޑިޔާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއްކަން ނިލަންދޫކައުންސިލުން ތަކުރާރުކޮށް އެބަޔާނުގައި ވަނީ ފާހަގަކޮށް ބުނެފައެވެ.
އެކައުންސިލަށް ނިސްބަތްވާ ފަރާތަކުން ކަމަކާ ގުޅެގޮތުން ބަޔަކާއެކު ދެކެވޭ ވާހަކައެއްގައި ނުވަތަ ސިޔާސީ ޕޯޑިއަމެއްގައި އަމިއްލަ ގޮތުން ފާޅުކުރާ ހިޔާލަކީ ކައުންސިލުގެ ރަސްމީ ނިންމުމެއްކަމުގައި ހަދައި އެވާހަކަ އެގޮތުގައި ފަތުރަމުން ދިއުމަކީ ވަރަށް ނާތަހުޒީބީ އަމަލެއްކަމަށްވެސް ނިލަންދޫކައުންސިލުން ވަނީ ބުނެފައެވެ. ހަމައެހެންމެ އެފަދަ ދޮގުވާހަކަތައް ފެތުރުމަކީ މުޖުތަމައުތެރޭގައި ފިތުނަވެރިކަން އުފެދި އާންމު މަސްލަހަތަށްވެސް އެކަމުގެ ނޭދެވޭ އަސަރުތަކެއް ކުރާނެކަމަކަށްވާތީ، އަސްލެއް ނެތް އެފަދަ ވާހަކަތައް ސޯޝަލް މީޑިޔާގައި ފަތުރަމުން ދިއުމާމެދު އެކައުންސިލުން ކަންބޮޑުވުން ފާޅުކޮށް، ބުނީ އެފަދަ އަމަލުތައް އެކައުންސިލުން ކުށްވެރިކުރާކަމަށެވެ.
ކައުންސިލަށް ނިސްބަތްވާ ފަރާތަކުން ކަމަކާ ގުޅޭގޮތުން ބަޔެއް ގާތުގައި ނުވަތަ ސިޔާސީ ޕޯޑިއަމްއެއްގައި އެކަހަލަ ވާހަކަ ދެއްކުމުން ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭނެކަމަށްވެސް ކައުންސިލުން ބުންޏެވެ.
ހަމަމިއާއެކު ބަޔާން ނިންމާލަމުން ނިލަންދޫ ކައުންސިލުން ބުނެފައިވަނީ، ކޮންމެ ވެރިކަމެއް އޮތްކަމުގައި ވީނަމަވެސް، ނިލަންދޫގެ ތަރައްގީއާ ގުޅިފައިވާ އެންމެހައި ކަންކަމުގައި ކުރިއަށް އޮތްތަނުގައިވެސް އެކައުންސިލުން ފަސްނުޖެހި ކުރިއަށް ދާނެކަމުގެ ޔަގީންކަން ރަށުގެ ލޮބުވެތި ރައްޔިތުންގެ މައުލޫމާތަށްޓަކައި އެކައުންސިލުން ހާމަކުރާކަމަށެވެ.