ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލެ ސިޓީ ހޮސްޕިޓަލުގައި ޒަމާނީ ސެންޓްރަލް ސްޓެރައިލް ސާވިސަސް ޑިޕާޓްމަންޓް (ސީއެސްއެސްޑީ) އެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެސްޓިއޯއިން ބުނީ އެ ހޮސްޕިޓަލަށް އެންމެ ބޭނުންވާނެ ގޮތަށް ސީއެސްއެސްޑީ ސެޓަޕް ގާއިމްކޮށް އެ ޔުނިޓުގެ އިންޓީރިއާ މަސައްކަތްތަކާއި، އެތަނަށް ބޭނުންވާ އާލާތްތައް ގެނައުމާއި އިންސްޓޯލް ކޮށްދިނުމުގެ އިތުރުން ބޭނުންވާ ފަންނީ ތަމްރީނުތައް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ.އަދި ސީއެސްއެސްޑީ އަކީ ހޮސްޕިޓަލް ތަކުގައި އާންމުކޮށް ބޭނުން ކުރާތަކެތި (އިންސްޓްރޫމަންޓް، ގޯޒް، ކޮޓަން، ޑްރެސިންގައި ބޭނުންކުރާ ތަކެތި) ސާފުކޮށް، ޖަރާސީމު ނައްތާލާ، ސްޓެރިލައިޒް ކުރުމަށް ބޭނުން ކުރެވޭ ޑިޕާޓްމަންޓެއްކަމަށް އެސްޓިއޯއީން ބުނިއެވެ.

މީގެއިތުރުން ބުނީ ކޮންމެ ހޮސްޕިޓަލަކަށް ވެސް ސީއެސްއެސްޑީ އަކީ ވަރަށް މުހިންމު ތަނެއްކަމަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލަކީ މިހާރު ބަލިމީހުން ހިދުމަތް ހޯދާވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ހޮސްޕިޓަލަކަށް ވާތީ، ޒަމާނީ ފެންވަރުގެ ސީއެސްއެސްޑީއެއްގެ ބޭނުން ވަރަށް މުހިންމު ކަމަށެވެ.

އަދި މި ތަނުގައި ބޭނުން ކުރާނީ ސްޕެއިންގެ ކުންފުންޏެއް ކަމަށްވާ "މަޓަޗާނާ" ބްރޭންޑްގެ ތަކެތިކަމަށެވެ. މި އުފެއްދުންތައް މިހާރުވެސް ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނުގައި ބޭނުންކުރެއެވެ.

މި މަސައްކަތް އެސްޓީއޯގެ ފަރާތުން ނިންމުމަށް ހަމަޖެހިފައި ވަނީ 262 ދުވަހުން ކަމަށް އެސްޓީއޯއިން ބުނެއެވެ.