ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އައު ލޯގޯ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.

ނައިބުރައީސް ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފުތިތާހު ކޮށްދެއްވައިފައިވަނީ އެ ކޯޕަރޭޝާންގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައެވެ.

މި ހަފުލާ ކުރިއަށް ދިޔައީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

މީގެއިތުރުން މި ހަފުލާގައި އެ ކޯޕަރޭޝަންއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކި މަޝްރޫއުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ދެއްކުމުގެ އިތުރުން މިހާރު ފަށާފައިވާ ހައުސިންގ ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ވަނީ ހިއްސާކުރައްވާފައިވެއެވެ.

މި ހަފުލާގައި އެމަނިކުފާނު ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރެއްވި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު އެ މަނިކުފާނު ވަނީ "އެމްޕްލޯއީ އޮފް ދަ އިޔަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުވެސް ހަވާލުކޮށްދެއްވާފައެވެ.

ގާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގެ 95 ވަނަ މާއްދާއިން ރައީސްއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން، ރައީސްގެ ޤަރާރު ނަންބަރު 2/2019 އިން، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ.

ސަތޭކަ އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުމެވެ.