ރައްޔިތުން ޕީޕީއެމް/ޕީއެންސީއާ އެކުގައި ތިބި ނަމަ، ރާއްޖެ އަށް ތަރައްގީގެ ރަން ޒަމާނެއް ގެނެވިދާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އައްޑޫ ސިޓީގައި މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ ނުވަ ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑު އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ރާއްޖެ އާއި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ.

ރައީސް ޔާމީން އައްޑޫގެ ތަރައްގީއަށް ކުރައްވާފައިވާ ޕްލޭންގައި ހިތަދޫއާއި ހުޅުމީދޫއާ ގުޅުވާދޭ ބުރިޖު ހިމެނޭކަމަށާއި އެކަން ވެރިކަން ލިބިވަޑައިގެންނެވުމުން ކުރައްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. މުއިއްޒު ވިދާޅުވީ ހުޅުމީދޫއާއި ހިތަދޫއާ ދެމެދު އަޅާލެވޭނެ ބުރިޖަކީ ހަމައެކަނި ބުރިޖެއް އެޅުމަށް އަލާ ތަނެއްނޫންކަމަށެވެ. އެއީ ހަމައެކަނި ބުރިޖު އެޅުމަކަށް އަޅާތަނެއް ނޫން ކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެއީ ތަރައްގީގެކުރިމަގަށް އެޅޭ ފާލަމެއް ކަމަށެވެ. ދެކޮޅުޖެހޭ ސިޔާސަތެއްގެ ތެރެއިން އެބުރިޖުގެ މަޝްރޫއު މިސިޓީގައި ތަރައްގީ ކޮށްދެެއްވާނެކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ބުރިޖު އެޅުމުގެ މަޝްރޫއުގެ ތަފާތު ފެނިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން ބުރިޖު އެޅިތަނާއި އަޅާންއުޅެ ނޭޅުނުތަންވެސް ރައްޔިތުންނަށް ވާނީ ފެނިގެންގޮސްފައިކަމަށެވެ. އެހެންކަމުން ރައްޔިތުން ބޭނުންވަނީ ބުރިޖު އެޅި ފަރާތްތޯ އަޅަންއުޅެ ނޭޅުނު ފަރާތްތަކާ ވެރިކަން ހަވާލު ކުރައްވާނީތޯ ވިސްނާލުމަށް މުއިއްޒު ވިދާޅުވިއެވެ. ޔަގީނުންވެސް ބުރިޖު އެޅި ފަރާތާ ހަވާލުކޮށްފިނަމަ މިސިޓީގައި ބުރިޖު އަޅައިދެއްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

ހަމަމިއާއެކު މުއިއްޒު ވިދާޅުވީ، ރައީސްޔާމީން އައްޑޫސިޓީގައި ވަރަށް މުހިންމު ހޮސްޕިޓަލެއް އަޅުއްވައި ދެއްވިކަމަށާއި އެހެންނަމަވެސް އެތަނުންލިބެން ޖެހޭ ހިދުމަތްތައް އަދިވެސް އިތުރު ކުރައްވާނެ ކަމަށާއި އައްޑޫގެ ރައްޔިތުން، ބޭސްފަރުވާއަށް މާލެ ނުގޮސް މިތަނުގައި ތިބެހެން ހުރިހާ ބޭނުން ފުދޭ ޕްލޭނެއް ހަގީގަތަކަށް ހައްދަވައިދެއްވުމަކީ އަޒުމެއްކަމަށެވެ.

ރާއްޖޭގެ ތަރައްގީ އެތައް ގުނައެއް ފަހަތަށް ސޮއްސާލައިގެން ދިޔަ ނަމަވެސް އެއީ ކުރެވޭނެ ކަމެއް ކަމަށާއި އެކަމާ މާޔޫސް ނުވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީގައި މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުން އަޅުގަނޑުމެންނާ އެކީގައި ތިބިއްޔާ އަނެއްކާ ވެސް ރާއްޖެއަށް ރަން ޒަމާނެގެނެވިދާނެ،" ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މި ސިޓީގެ ރައްޔިތުންނަށް ދޭން ބޭނުންވަނީ ގެދޮރުވެރިކަމުގެ ޔަގީންކަން އައްޑޫ ސިޓީގެ ރައްޔިތުންނަށް ގެނެސްދޭނަމޭ،" މުއިއްޒު ވިދާޅުވިއެވެ

މުއިއްޒު ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ރައްޔިތުންގެ އުންމީދުތައް ފޮންޏެވެ. އަދި އެމީހުންނަކީ ތަރައްގީއަށްޓަކައި ފެން ބޮވައިގެންފައިވާ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރާނީ އުންމީދުތަކުގައި ކުލަ ޖައްސައި ދިނުމަށް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމަކީ އަސާސީ ހައްގަކަށްވާ އިރު، އައްޑޫ ސިޓީގެ ރައްޔިތުން، އެ ސިޓީގައި ތިބެގެން ގެދޮރުވެރިކަން ހާސިލް ވާން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ބިންތައް ހިއްކާ އިރު، އެންމެ މުހިންމު ކަމަކަށް އޮންނާނީ ޒުވާނުން ހިއްކި ބިމުގައި ގެދޮރުވެރި ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުގައި، ވަޒީފާގެ ފުރުސަތު ޒުވާނުންނަށް ފޯރުކޮށް ދެއްވާނެ ކަމަށާއި ވަޒީފާ ނުހޯދޭ ނަމަ، ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.