ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ މޭޔަރަކާއި، އެމްޑީޕީއަށް އަޣުލަބިއްޔަތު އޮތް ކައުންސިލެއް އައްޑޫގައި އޮވެއްޖެނަމަ، އައްޑޫ މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މޭޔަރަކަށް އިންތިހާބުވެއްޖެނަމަ މިހާރު އިމާރާތް ކުރަމުންދާ ޕޮލިސް އެކަޑެމީ، ހޮޓަލަކަށް ބަދަލުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އައްޑޫގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމްގެ ފަރާތުން ވާދަކުރާ މުހައްމަދު ލަތީފު ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއަދު އެ އެކަޑަމީއަކީ މަތީ ތައުލީމުގެ އިންސްޓިޓިއުޓެއް ކަމަށެވެ.

އަދި ޕީޕީއެމްގެ ޒައާމަތުގައި އައްޑޫގައި މަތީ ތައުލީމަށް ފުރުސަތު ނެތީތޯ ނަޝީދު ސުވާލުކުރެއްވިއެވެ.

އެމްޑީޕީ މޭޔަރު ކެންޑިޑޭޓާއި ކައުންސިލު ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީ ދާނީ މުޅި ދުނިޔެއަށް ހުޅުވިގެން
ނަޝީދު

ލަތީފު ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެން އައްޑޫ ސިޓީ މޭޔަރުގެ މަޤާމަށް އެމްޑީޕީ ޓިކެޓްގައި ވާދަ ކުރައްވާ އަލީ ނިޒާރު ވިދާޅުވީ މިބޭފުޅުންގެ ފިކުރަކީ މިއަދު ވީރާނާ ފިކުރެއްކަން ރައްޔިތުން ގަބޫލު ކުރާކަމަށެވެ. އަލީ ނިޒާރު ވަނީ އައްޑޫ ސިޓީގެ ބައެއް ރަށްތަކަށް ނިމިދިިޔަ ސަރުކާރުން ގެންނެވި ބަދަލުތަކުން ވެފައިވާ ގެއްލުންތަކުގެ ވާހަކަވެސް ކުރެއްވި ޓްވީޓުގައި ހިމަނާފައެވެ.