ރޭޕާއި ޖިންސީ ފުރައްސާރައާ ދެކޮޅަށް ޖެންޑަރ މިނިސްޓްރީ ހިމެނޭ ސަރަހައްދުގައި ކުރަމުންދިޔަ މުޒާހަރާގެ ތެރެއިން ފަސް މީހުން ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއީ މިދިޔަ އޮކްޓޫބަރު 19 ވަނަ ދުވަހު ޖެންޑާ މިނިސްޓަރާއި ބައްދަލުކުރުމަށް އެދި ފޮނުވި ސިޓީ އަށް ޖަވާބު ނުލިބޭތީ އާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލައި ކުރިއަށްގެންދާ ސުލްހަވެރި އިހުތިޖާޖެއް ކަމަށެވެ.

ހީނާ ވިދާޅުވީ މި ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ފަސް މީހަކު ފުލުހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މުޒާހަރާ ރޫޅާލުމުގައި ގިނަ އަދަދެއްގެ ފުލުހުންގެ ބައިވެރިވެފައިވާއިރު، ފުލުހުން ވަނީ އެއްވި މީހުން އެސަރަހައްދުން ފޮނުވާލައި މަގުތަކުގެ ސަލާމީ ކަންކަން ބަލަހައްޓަން ފަށާފައެވެ.

މި މައްސަލައިގައި އިދިކޮޅުން އިހުތިޖާޖު ކުރަމުންދާއިރު މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ އާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ޕްރޮގްރާމެއްގައި ދެއްކި ވާހަކަތަކަކާ ގުޅިގެން އޭނާ އަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ.