ޕާކިސްތާނުގެ ވަޒީރުސްތާނުގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި ޕާކިސްތާނުގެ 6 ސިފައިން ޝަހީދު ކޮށްލައިފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނީ ހަނގުރާމަވެރިންގެ ހަމަލާ އަމާޒުވީ ވަޒީރުސްތާނުގެ ދެކުނުން އަސްމާން މަންޒާގައި ހަރަކާތްތެރިވަމުން ދިޔަ އަސްކަރީ ގްރޫޕަކަށް ކަމަށެވެ. މިހަމަލާ ބަދަލު ކުރުންތަކުގައި ހަނގުރާމަވެރިންގެ 4 މީހުން މަރުވެ 2 މީހުން ޒަޚަމް ކޮށްލެވު ކަމަށްވެސް ޕާކިސްތާން އަސްކަރިއްޔާއިން ބުނެއެވެ.

"ޕާކިސްތާނުގެ އަސްކަރިއްޔާއިން ޓެރަރިޒަމްގެ ނުރައްކާ ނައްތާލުމަށް އަޒުމް ކަނޑައަޅާފައިވާއިރު، އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންގެ މިފަދަ ގުރުބާނީތަކުން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ އަޒުމް އިތުރަށް ވަރުގަދަވެގެންދެއެވެ" ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ހަނގުރާމަވެރިން ހޯދުމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ މިދިޔަ ހަފްތާގައި ކޭޕީގެ ޚައިބަރު ޑިސްޓްރިކްޓްގައި ހާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ. މި އޮޕަރޭޝަނުގައި ސިފައިން ވަނީ ދެ ހަނގުރާމަވެރިން ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

ޕާކިސްތާނުގައި ޓެރަރިސްޓް ހަރަކާތްތައް ވަރަށް ބޮޑަށް އިތުރުވެފައި މިވަނީ، އަވަށްޓެރި އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން އެނބުރި އައި ފަހުންނެވެ.