އިންޑިއާގެ ހުސް އަންހެން ކުރޫން ހިމެނޭ ޕްލައިޓެއް ސެންފްރޭންސިސްކޯއިން ބެންގަލޯރއަށް ޖައްސައިފިއެވެ. އެއަރ އިންޑިއާގެ މި ފްލައިޓަކީ ސެންފްރޭންސިސްކޯއިން ދެކުނު އިންޑިއާއަށް ދަތުރުކުރި ހުއްޓުމެއް ނެތް ފުރަތަމަ ފްލައިޓެވެ.

މި ފްލައިޓް 16 ހާސް ކިލޯމީޓަރު ކަޑައްތުކޮށް ނޯރތު ޕޯލް މަތިންވެސް ދަތުރުކޮށްފައި ވެއެވެ. މި ބޯޓު ބެންގަލޯރއަށް ތިރިކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު އެވެ.

މިއީ ސެންފްރޭންސިސްކޯއިން ބެންގަލޯއަށް ބޭއްވި އެއަރ އިންޑިއާގެ ފުރަތަމަ ޑައިރެކްޓް ފްލައިޓެވެ. މި ފްލައިޓް އޮޕަރޭޓް ކުރަން ކޮކްޕިޓްގައި ތިބި ހަތަރު ޕައިލެޓުންނަކީވެސް ހުސް އަންހެން ޕައިލެޓުންނެވެ.

ބެންގަލޯރ އެއަރޕޯޓާއި ސެންފްރޭންސިސްކޯއާ ދެމެދު ހަފްތާއަކު ދެ ފްލައިޓް އޮންނާނެއެވެ.

އެއަރ އިންޑިއާއަކީ އެންމެ ގިނައިން އަންހެން ޕައިލެޓުން ގެންގުޅޭ އެއަރލައިނެވެ.