ޕާކިސްތާނުގެ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުގެ ޕައްޓަގަރަމް ޑިސްޓްރިކްޓުގައި ކޭބަލް ކާރެއްގެ ތެރޭގައި ތާށިވި 6 ކުޑަ ކުދިންގެ ތެރެއިން 4 ކުދިން ޕާކިސްތާނުގެ ކޮމާންޑޯއިން ސަލާމަތް ކޮށްފިއެވެ.

ކޭބަލް ކާރުގެ ތެރޭގައި ކުޑަ 6 ކުދިންގެ އިތުރުން ބޮޑު 2 މީހުންވެސް ތާށިވިއެވެ. ކޭބަލް ކާރު ތާށިވެފައި އޮތީ ބިމުން ފެށިގެން 900 ފޫޓް އުސްމިނުގައެވެ. ކޭބަލް ކާރު ތެރޭގައި ބޮޑު ދެމީހުންނާއި 6 ކުދިން ތާށިވިތާ މިހާރު 12 ވަރަކަށް ގަޑިއިރުވެއްޖެއެވެ.

ސަރަހައްދީ ފުލުހުންގެ އޮފިސަރެއް ކަމަށްވާ ތާހިރު އަޔޫބް ވަނީ ހެލިކޮޕްޓަރެއް މެދުވެރިކޮށް ތާށިވެފައި ތިބި ފަސިންޖަރުން ސަލާމަތް ކުރުން ނޫން އެހެން ގޮތެއް ނެތް ކަމަށް ވިދާޅުވެ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ޖިއޯ ނިއުސް އިން ބުނާ ގޮތުގައި ޕާކިސްތާން ސިފައިންގެ ރެސްކިއު ހެލިކޮޕްޓަރަށް ކޭބަލް ކާރާއި ކައިރި ނުކުރެވިގެން އުޅޭ މައިގަނޑު ސަބަބަކީ ހޮލިކޮޕްޓަރުގެ ވަޔާހެދި ކޭބަލް ކާރުގެ ބެލެންސް ގެއްލިދާނެ ކަމުގެ ބިރު އޮތުމުންނެވެ.

ވިންގް ކޮމާންޑަރ (ރިޓަޔަރޑް) އާސިމް ނަވާޒް ވިދާޅުވީ ސްލިންގް އޮޕަރޭޝަން އެންމެ އަވަހަށް ފަށަން ޖެހޭ ކަމަށެވެ.

“މީހުން ސަލާމަތް ކުރަން ހިންގަން ޖެހެނީ ރިސްކް ބޮޑު އޮޕަރޭޝަނެއް. މިސަރަހައްދުގައި މޫސުން ގޯސްވުމުގެ ފުރުސަތުވެސް އެބައޮތް. ހެލިކޮޕްޓަރު، ކޭބަލް ކާރާ 60 ފޫޓާއި 80 ފޫޓާއި ދެމެދުގައި އޮންނަން ރަނގަޅުވާނެ. ލަސްނުކޮށް ވިންގް ސްލިންގ އޮޕަރޭޝަން ފަށަން ޖެހޭ" އާސިމް ވިދާޅުވި އެވެ.

އެ އޮޕަރޭޝަނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާސިމް ވިދާޅުވީ ސްލިންގް އޮޕަރޭޝަންގެ ތެރޭގައި ކޭބަލް ކާރާ ކައިރިއަށް ކޮމާންޑޯއަކު ކައިރިވެ ތަށީވެފައިތިބި ކުދިންނާއި ބޮޑު ދެމީހުން ސަލާމަތް ކުރެވޭނެ ކަމަށެވެ.