އިނގިރޭސިވިލާތުގެ އުތުރުގެ ހޮސްޕިޓަލެއްގައި އޭނާގެ ބެލުމުގެ ދަށުގައި ތިބި ހަތް ތުއްތު ކުދިން މަރާލައި އިތުރު ހަ މީހަކު މަރާލަން އުޅުނު ކަމުގެ ކުށް ސާބިތުވި ކުރީގެ ނިއޯނޭޓަލް ނަރުހެއްގެ މައްޗަށް ހޯމަ ދުވަހު އުމުރަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

މިހުކުމުގައި ލޫސީ ލެޓްބީ އަކީ އަނިޔާވެރި، މަކަރުވެރި އަދި އަނެކުންނަށް އަނިޔާދީ އެއަނިޔާއިން އެމީހުންނަށް ލިބޭ ވޭނާއި ތަދާއި ތަކުލީފުން ހިތްހަމަޖެހުން ލިބޭ މީހެއްކަން ("މެލެވޮލެންސް ބޯޑަރިންގ ސޭޑިޒަމް") ހާއްސަކޮށް ވަނީ ފާހަގަކޮށްފައެވެ. ލޫސީ ލެޓްބީއަށް ދިން އަދަބަކީ މަރުގެ އަދަބު ދިނުމާ ދެކޮޅު ބްރިޓިޝް ގާނޫނުގައި ދެވެން އޮތް އެންމެ ހަރުކަށި އަދަބެވެ. އިނގިރޭސިވިލާތުގައި މިހާ ހަރުކަށި އަދަބެއް ލިބިފައި ވަނީ އިތުރު ތިން އަންހެނަކަށް އެކަންޏެވެ.

ހިތްދަތިކަމާއި ނަފުރަތުން ފުރިގެންވާ މައިންބަފައިންނާއި ބެލެނިވެރިންނާއި އާއިލާ މީހުންނާ ކުރިމަތިލާން އޭނާ ބޭނުން ނުވާކަމަށް ބުނެ، ލޫސީލެޓްބީ ވަނީ ހުކުމް އިއްވުމަށް ކޯޓަށް ހާޒިރުވުމަށް ދެކޮޅުހަދާފައެވެ. އިނގިރޭސިވިލާތުގެ މެންޗެސްޓާ ކްރައުން ކޯޓުގައި، އުމުރުން 33 އަހަރުގެ ލޫސީ އެތައް ކުދީންނަކަށް އެކިވަރުގެ އަނިޔާ ދީފައިވާކަން ސާބިތުކޮށްފައިވަނީ، 22 ދުވަހުގެ ފަނޑިޔާރުންގެ މަޝްވަރާއަކަށްފަހުގައެވެ.

ކޯޓުން ނެރެފައިވާ ބަޔާނުގައިވާ ގޮތުން ލޫސީ ވަނީ އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގައި 2015 އާއި 2016 ވަނަ އަހަރު ތެރޭ ތުއްތު ތޭރަ ކުއްޖަކަށް ހަމަލާދީފައެވެ. އެ ތޭރަ ކުދީންގެ ތެރެއިން ހަތް ކުއްޖަކު މަރާލާފައިވަނީ އެކި ވަރުގެ އަނިޔާކޮށްގެންނެވެ.

ލޫސީ ލެޓްބީ ތުއްތު ކުދިން މަރާލުމަށް ތުއްތު ކުދިން ބަލިކޮށްލަނީ ލޭގެ ނާރުތަކަށާއި ބަނޑަށް ހުސް އިންޖެކްޝަން ޖަހައިގެންނެވެ. އަނެއްބައި ކުދިން ބަލިކޮށްލާފައިވަނީ އިންސިއުލިން ވިހަކޮށްގެން އަދި އަނެއްބައިކުދިންނަށް ގަދަބާރުން މާގިނައިން ކިރުދީގެންނެވެ. މިގޮތަށް ކުދިން ބަލިކޮށްލައިގެން މަރާލަނީ އެކުދިންގެ އާއިލާއަށް ކުދިންނަށް ވީކީއްކަމެއް ސީދާ ނޭނގި އޮޅުންބޮޅުން ވާގޮތް ހެދުމަށެވެ. ކުދިން މަރާލާފައި ލޫސީލެޓްބީ، އެކުދިންގެ އާއިލާގެ މީހުންގެ ކުރިމަތީގައި އެމީހުންގެ ހިތާމައިގައި ބައިވެރިވެ ގިސްލާފައި ރޮއި ހެދުމާއި އެކުދިންގެ ހަނދާނުގައި ކުދިކުދި އެއްޗެހި ތައްޔާރުކޮށް އާއިލާއަށް ދީ، އަމިއްލަ އަތުން މަރާލާފައިވާ ކުދިން ރީތިކޮށް ވަޅުލުމަށް ހެދުންއަޅުވައި އާއިލާއާ ތުއްތު ހަށިގަނޑުތައް ހަވާލު ކުރަނީ ގިސްލަމުންނެވެ.

ލެޓްބީގެ 10 މަސް ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީން ބުނީ 2015 ވަނަ އަހަރު ހޮސްޕިޓަލުން ކުއްލިއަކަށް ފެންނަން ފެށި ބަލިވާ ކުދިންތަކެއްކަމަށެވެ. އަދި ސަބަބެއް ނެތި މަރުވަމުންދާ ކުދިންގެ އަދަދާއި ބަލިވާ ކުދިންގެ އަދަދު ދިޔައީ އިތުރުވަމުންކަމަށެވެ.

ފްރަންޓްލައިން ޑިއުޓީތަކުން ލެޓްބީ ވަކިކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ފަހުކޮޅު ކަމަށާއި އޭނާ ހައްޔަރުކުރީ އޭނާގެ ގެއިން 2018 ވަނަ އަހަރުގެ ޖުލައި މަހު ކަމަށް ޕީޖީން ބުނެފައިވެއެވެ.