ޗައިނާއިން އުފައްދާފައިވާ ވެކްސިން އަކީ ރައްކާތެރި ވެކްސިންއެއް ނޫން ކަމަށް ބުނެ، ޝެންހާއީގެ ވެކްސިން އެކްސްޕާޓެއް ޗައިނާގެ މީސްމީޑިއާގައި ވާހަކަ ދައްކައިފިއެވެ. އޭނާ ދައްކާފައިވާ ވާހަކަތައް މީސްމީޑިއާއިން ފަހުން ވަނީ ޑިލީޓްކޮށްފައެވެ. އަދި އޭނާވެސް މަޢާފަށް އެދިފައި ވެއެވެ.
ޓާއޯ ލީނާ ވަނީ ޗައިނާގެ ކޮވިޑް ވެކްސިން އުފައްދާފައިވާ ޗައިނާ ނޭޝަނަލް ފާމަސޫޓިކަލް ގްރޫޕް ކޯޕަރޭޝަން (ސައިނޯފާމް) ގެ ބީބީއައިބީޕީ ކޯރވް ވެކްސިންގެ މެނުއަލް އަޕްލޯޑް ކޮށްފައެވެ. މި މެނުއަލްގައި މި ވެކްސިން ބޭނުން ކުރުމުން ދިމާވާނެ 75 ސައިޑް އެފެކްޓެއްގެ ވާހަކަ ލިޔެފައި އޮތުމުން އޭނާ ސިފަކޮށްފައި ވަނީ "މިއީ ދުނިޔޭގައި މިވަގުތު ލިބެން އޮތް އެންމެ ރައްކާތެރި ނޫން ވެކްސިން" ކަމުގައެވެ.
ޓާއޯ މީސްމީޑިއާއަށް އަޕްލޯޑްކޮށްފައިވާ މި ލިޔުން ވަނީ ސެންސަރު ކުރާ ފަރާތުން މިހާރު ޑިލީޓްކޮށްފައެވެ. އަދި ބަޔާނެއްގައި ބުނެފައި ވަނީ އެ ލިޔުން ގަވާއިދާ ޚިލާފް ވުމުން ޑިލީޓްކޮށްފައިވާ ކަމަށެވެ.
ފަހުން ޓާއޯވެސް ވަނީ މަޢާފަށް އެދިފައެވެ. އޭނާ ބުނެފައި ވަނީ ބިދޭސި މީޑިއާއިން އޭނާ ސާކާރސްޓިކްކޮށް ކުރި ޕޯސްޓް މާނަކުރުން އޮޅުނީ ކަމަށެވެ.
އެޗްކޭ01 ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ވާހަކަތައް އިނގިރޭސިބަހަށް ތަރުޖަމާ ކުރުމުން މި ވެކްސިންއިން ޖުމުލަ 75 ސައިޑް އެފެކްޓެއް ދިމާވާ ކަމަށް ވެއެވެ. ނަމަވެސް ބޮލުގައި ރިއްސުމާއި ލޮލުގައި ރިއްސުން ދެ ފަހަރަށް ލިސްޓްކޮށްފައި އޮތުމުން ޖުމުލަ ސައިޑް އެފެކްޓްތައް 73 އަށް އަރައެވެ.
ޓާއޯ ކިޔައިދިން ގޮތުގައި މި ވެކްސިން ޖެހުމުން ލޭ މައްޗަށް ދިއުމާއި ކާނާގައި ރަހަ ނުލުމާއި ލޮލުގެ ފެނުން ދިއުމާއި މައްސަރުކަންތައް ލަސްވުންވެސް ހިމެނެއެވެ.
ޗައިނާ ވެކްސިން އަކީ އެތައް ގައުމެއްގައި މިހާރުވެސް ފަރުވާއަށް ބޭނުންކުރާ ވެކްސިންއެކެވެ. އަދި މިއިން ނޭދެވޭ ކަމެއް ދިމާވެގެން ރިޕޯޓް ކޮށްފައެއް ނުވެއެވެ. ޗައިނާއިންވެސް ބުނެފައިވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށް ކޮރޯނާއާ ވަބާއާއި ކުރިމަތި ލުމަށާއި ވެކްސިން ލިއްބައި ދިނުމަށް އެހީތެރިވާ ނެ ކަމަށެވެ.
ޓާއޯ ބުނިގޮތުގައި ޗައިނާގެ ބައެއް ޑޮކްޓަރުންވެސް ވަނީ މި ލިސްޓްގެ ދިގުކަމުން މިއީ ނިމުމެއް ނެތް ޑިސްކްލައިމަރއެއް ކަމުގައި ސިފަކޮށްފައެވެ. މީގެ މަގްސަދަކީ މި ކުންފުންޏާ ދެކޮޅަށް ވެކްސިން ލިބޭ މީހުންނަށް ދިމާވާ މައްސަލަތަކުގައި ދައުވާ ކުރުމަށް ފުރުސަތު ނުބޭއްވުން ކަމުގައި އޭނާ ބުންޏެވެ. އަދި މީހަކަށް ކަމެއް ދިމާވެއްޖެނަމަ މިހާރު މިއޮތް ގޮތުން ޒިންމާވާނީ ސަރަހަހއްދީ ސަރުކާރަކުންނެވެ.
އުމުރުން 43 އަހަރުގެ ޓާއޯއަކީ ޝެންހާއި ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގައި އޮގަސްޓް 2000 އިން ފެށިގެން މަސައްކަތް ކުރާ މީހެކެވެ. އޭނާގެ ވަޒީފާއަކީ ވެކްސިން މެނޭޖް ކުރުމެވެ. ކޮވިޑް ވެކްސިންއާ ބެހޭ ގޮތުން ބެއިޖިންގ ބިޒްނަސް ޓުޑޭއިން މިދިޔަ ޑިސެމްބަރގައި އޭނާއާ އިންޓަރވިއުކޮށްފައި ވެއެވެ.