އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، އެނބޫދޫ ވިލެޖް ރިސޯޓްގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހެއް ހިންގައިފިއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ވިލިމާލޭގައި ހުންނަ ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގައި ހިންގި މި ކޯހުގައި އެ ރިސޯޓުގައި މަސައްކަތްކުރާ 15 މުވައްޒަފަކު ބައިވެރިވެ، ކޯސް ފުރިހަމަކޮށްފައިވެއެވެ.

މީގެއިތުރުން މި ކޯހުގައި ބައިވެރިންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ހިމެނެއެވެ. މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ވެސް ބައިވެރިންނަށް ވަނީ ދަސްކޮށްްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.

އެނބޫދޫ ވިލެޖް ރިސޯޓްގެ މުވައްޒަފުންނަށް ހިންގި އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ މި ދާއިރާއިން ޢިލްމާއި ތަމްރީނު ލިބިފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުންނެވެ.