މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރުން ވަރުގަދަ ކުޅުމަކަށްފަހު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ރޭ ކަށަވަރު ކޮށްފިއެވެ.

ނަސްރުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދީ ޕްލޭ އޯފްގައި ޔޫއޭއީގެ ޝަބާބް އަލް އަހްލީގެ މައްޗަށް 4-2 އިން ކުރި ހޯދައިގެންނެވެ. މިމެޗުގެ ފުރަތަމަ އެގާރާގައި ރޮނާލްޑޯ ކުޅުނެވެ.

މިމެޗުގެ 11 ވަނަ މިނެޓުގައި ނަސްރުގެ ބްރެޒިލް ފޯވާޑް ޓަލިސްކާގެ ލަނޑުން ނަސްރުން ލީޑް ނަގާފައި ވަނިކޮށް ޔަހްޔާ އަލް ގައްސާނީގެ ދެލަނޑުން ޝަބާބުން ލީޑް ނެގިއެވެ. މެޗުގެ 87 ވަނަ މިނެޓާއި ހަމައަށްވެސް އޮތީ މިނަތީޖާގައެވެ. މެޗް ނިމެން ދަނިކޮށް ނަސްރުން އެއްވަރު ކުރީ 88 ވަނަ މިނެޓުގައި ސުލްތާން އަލް ގައްނަމް ކާމިޔާބު ކުރި ލަނޑުންނެވެ.

މަޝްހޫރު ސާޑިއޯ މާނޭވެސް ކުޅެމުން އަންނަ ނަސްރުން އެޓީމު ކޮޅަށް ނަތީޖާ އަނބުރާލީ މެޗުގެ އިތުރު ވަގުތުގައެވެ. ނަސްރުން ލީޑް ނެގީ 95 ވަނަ މިނެޓުގައި ޓަލިސްކާއެވެ. 97 ވަނަ މިނެޓުގައި ލީޑް ފުޅާކޮށްދިނީ މިފަހަރުގެ ޓްރާންސްފާ މާކެޓުގައި އިންޓަމިލާން ދޫކޮށް ނަސްރާ ގުޅުނު ކްރޭޝިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗެވެ.