މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގައި ޕްރިންސިޕަލްގެ މަގާމު ހުސްކޮށް އޮންނަތާ ދިހަމަސް ދުވަސްވެގެން ދާއިރު، އަދިވެސް އެކަމަށް އެއްވެސް އަލިމަގެއް ފެނިފައި ނުވާތީ އަރަބިއްޔާގެ ދަރިވަރުންގެ ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދިވެހިރާއްޖޭގެ ސުކޫލުތަކުގެ ތެރެއިން މާލޭގައި ހިންގާ ސުކޫލަކަށް ވިޔަސް އަރަބިއްޔާ ސްކޫލަށް ދިވެހި ސަރުކާރުން ދޭންވާ އެންމެ ރަނގަޅު އަހައްމިއްޔަތުކަމެއް ނުދެއްވާ ކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާއި އެސުކޫލުގެ މުދައްރިސުންނަކީވެސް ތަފާތު ކުރެވޭ ބައެއްކަމަށް، އެކި ދުވަސްވަރު އެކިކަހަލަ ޝަކުވާތަކާއި ފާޑުކިޔުންތައް މެދުނުކެނޑި އަބަދުވެސް ސޯޝަލްމީޑިޔާގައި ފެތުރެމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އަރަބިއްޔާ ސުކޫލުގެ ބެލެނިވެރިން އުފައްދާފައިވާ އެެކްސް.ކޮމް އެކައުންޓެއްގައި އެސުކޫލުގެ ދަރިވަރުންގެ ބެލެނިވެރިން އުފުލަމުންދާ އަޑުތަކުގެ ތެރޭގައި އެސުކޫލުގައި ޕްރިންސިޕަލެއް ނެތި ދިހަމަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުވެސް ހުސްވާން ވަރަށް ކައިރިވެފައިވާ ކަމުގެވާހަކަތައް ހިމެނެއެވެ. ހަމަމިއާއެކު އަރަބިއްޔާ ސުކޫލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމުވެސް އޮތީ ހުސްކޮށްކަމުގެ ޝަކުވާ އުފުލާފައިވެއެވެ.

"ހަލި" ނޫހުން އަރަބިއްޔާ ސުކޫލުގެ ބައެއް ދަރިވަރުންނާއި ބައެއް ބެލެނިވެރިންނާ ސުވާލުކޮށްލުމުން އެންމެ ސުވާލަކަށް އެތައްގިނަ ޝަކުވާތަކެއްގެ އަޑުވަނީ އުފުލިގެންގޮސްފައެވެ.

"އަޅުގަނޑުމެން ތަފާތު ކުރަނީ ވަކިވަރަކަށް ނޫން، ހުރިހާ ގޮތަކުންވެސް ދަތިކޮށްފައި، ހީވާ ކަހަލަ މިއީ ދިވެހި ލޭ ހިނގާ ދަރިވަރުންތަކެއް ނޫނޭ،" އަރަބިއްޔާ ސުކޫލުގެ ދަރިވަރަކު ހިތުގެ ޝުއޫރު ބަންޑުންކޮށްލަމުން ބުނީ ސުކޫލުގެ ފޮތްތަކާއި މުދައްރިސުންވެސް ހަމަނުވާ ކަމަށެެވެ.

"ތީދެން އެންމެނަށްވެސް އެނގޭ ވާހަކައެއް، މި ސުކޫލަކީ ކިހިނެއް ކޮން ދަރަޖައެއްގައި އޮންނަ ތަނެއްކަން، މިތަނުގައި ކިޔަވާ ދަރިވަރުންނަށް ކަންތައް ކުރާ ގޮތް، ސަރުކާރުން އަޅައިދިން ސުކޫލު ކިހާ ބޮޑު، އެސުކޫލުގައެއްނު ދަރިވަރުން މިހާރު އެކިޔަވަނީ،"

"ޕޯޑިއަމްތަކުގައި މޮޅު ވައުދާ ހުވާކޮށް ހަދާއިރު ކޮބާ މިސުކޫލުގެ ދަރިވަރުންގެ ހައްގު، މިނޫނަސް ދުނިޔެއެއް އޮތްކަން ހަނދާން އެބޭކަލުންނާއި ކަނބަލުން ހަނދުމަނެތުނަސް އަޅުގަނޑުމެންނަށް އެކަން އެނގޭ، އިލްމު އުނގަންނައިދިނުމުގެ ނަމުގައި މިގޮތަށް ކަންތައް ކުރީމަ ވާނެ ގޮތް ނޭނގޭތީކަމަށްވެސް ވެދާނެ."

އަރަބިއްޔާ ސުކޫލުގެ ޕްރިންސިޕަލްގެ މަގާމެކޭ އެއްފަދައިން ޖަމާލުއްދީން ސުކޫލުގެ ޕްރިންސިޕަލްގެ މަގާމުވެސް އޮތީ ހުހަށެވެ. "ހަލި" ނޫހުން ޖަމާލުއްދީން ސުކޫލާއި އަރަބިއްޔާ ސުކޫލުގެ އެޑްމިން، މެނޭޖްމަންޓްގެ ބޭފުޅަކާ ބައްދަލު ކުރެވޭތޯ ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެެވެ. ޖަމާލުއްދީން ސުކޫލުގައި ޕްރިންސިޕަލް އެއް ނެތްކަމާއި އެކަމުގެ ވާހަކަތައް ދެކެވެމުންދާކަމަށް އެސުކޫލުގެ ބައެއް ދަރިވަރުންގެ ބެލެނިވެރިންނާ ވާހަކަދައްކާލުމުން ވަނީ އެނގިފައެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ލިބޭތޯ ކުރި މަސައްކަތްވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ދިވެހި ދަރިވަރުންތަކެއް ތައުލީމު ހާސިލު ކުރާ ސުކޫލެއްގެ ހާލަތު ގޯހުން ގޯހަށް ގޮސް ހުރިހާ ކަމެއް ނެތިނިމިގެންދާއިރު، މި ފާޅުކުރާ ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއަހާނޭ އެއްވެސް ކަންފަތެއް އެހީވާން ދިއްކޮށްލާނެ އެއްވެސް އަތެއް ނެތްތޯ މިއީ އުފެދޭ ސުވާލެކެވެ. މިގައުމުގައި ކިޔަވައިދޭން ޖެހެނީ ވަކި ގޮތަކަށް ބައްޓަންވެފައިވާ ސުކޫލެއްގައި ވަކި ގޮތަކަށް ދަރިވަރުން ތިބެގެންތޯވެސް ސުވާލު އުފެދެއެވެ.

ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވަމުން އަންނަ މިފަދަ ދަނޑިވަޅެއްގައި ގައުމުގެ މިވަރުގެ ބޮޑު މައްސަލައެއް ހައްލުނުވެ، ބަދަލެއް ނައިސް އޮންނައިރު މިއީ އަޅާލަން ޖެހޭ ކަމަކަށް ނުވަނީބާވައެވެ. މިދުވަސްވަރަކީ ގިނަ ވައުދުތަކާއި ނަދުރުތަކުގެ އަޑު ޖައްވުގައި މެދުނުކެނޑި ހަރުލާފައި ހުރި ދުވަސްވަރަކަށް ވީއިރު އިލްމު އުނގެނެން ބޭނުންވެގެން ތިބި އަރަބިއްޔާ ސުކޫލުގެ ދަރިވަރުންނާ ބައްދަލުކޮށްލައްވައި މިބައިމީހުންގެ ހުއްޓުމެއް ނެތް ޝަކުވާތަކާއި އާދޭސްތަކުގެ އަޑުއައްސަވައި ގޮތެއް ހޯއްދަވައިދެއްވުމަކީ އެޑިއުކޭޝަން މިނިސްޓްރީއާއި ގައުމާ ހަވާލުވެތިއްބެވި އިސްފަރާތްތަކުގެ ޒިންމާއަކަށްނުވޭތޯއެވެ. މިފަދައިން ތަފާތުކޮށް ކަންތައް ކުރުމަކީ އިންސާފެއްތޯއެވެ!