ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރ. ދުވާފަރަށް ވަޑައިގެންނެވުމުން އެ ރަށު ރައްޔިތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ދުވާފަރަކީ މީގެކުރިން ޕީޕީއެމްގެ އެންމެ މައި އެއް "ޖަގަހަ"ގެ ގޮތުގައި ބެލެވިފައި އޮންނަ ރަށަކަށްވިޔަސް ރައީސް ސާލިހް މިއަދު އިރުއޮއްސުނު ފަހުން، ދުވާފަރަށް ވަޑައިގެންނެވި އިރު، ފެނިގެން މިދިޔައީ މުޅީން ތަފާތު މަންޒަރެކެވެ.

ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ޖަމާވެ، މަރުހަބާގެ ފޯރި ބައިގަޑިއިރަށް ދެމިގެންދިޔަ މަންޒަރުވެސް މިވަނީ ފެނިގެން ގޮސްފައެވެ.

އެމްޑީޕީގެ ހުރިހާ އެންމެންނާ ސަލާމްކޮށް، ފޮޓޯ ނެންގެވުމުގައި ރައީސް ވަނީ ބައިގަޑިއިރު ހޭދަ ކުރައްވައިފައެވެ. ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާ އެކުގައި ކުރިއަށް ދިޔަ، މަރުހަބާ ދެންނެވުމުގައި މުޅިން ހެން ފެނިފައި ވަނީ ރީނދޫ ކުލައިގެ ފޮތިތަކެވެ. ގިނަ ބަޔަކު ތިބީ ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުގައެވެ.

ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ކުރައްވަމުން ގެންދަވާ ކެމްޕެއިންގައި އެންމެ ހޫނު މަރުހަބާއެއް ކީ އެއް ރަށަށް ވާނީ ޔަގީނުން ވެސް ދުވާފަރެވެ. ރައީސްސާލިހާއެކު ދަތުރުގައި ބައިވެރިވަޑައިގެންނެވި އެތައް ފަރާތަކުން މިހެން ވިދާޅުވިއެވެ. ބައެއް ފަރާތްތަކަށް އިހުތިޔާރަކާނުލައި ވެސް "ރައީސް ވަޑައިގެންނެވި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު ތަރުހީބަކާއި ހޫނުމަރުހަބާއެއް،" ލިބުނު ރަށަކީ ދުވާފަރުކަމަށް ބުނެވުނެވެ.

ސަބަބަކީ އެ ރަށުން ސިފަވެފައި ވަނީ އާދަޔާ ހިލާފް ރޫހެއްގައި ރައީސް ސާލިހް ހޮވަން ތައްޔާރަށް ތިބިފަދަ ގޮތަކަށެވެ

ރ. އަތޮޅުގެ ރަށްތަކަށް ރައީސް ދަތުރުފުޅު ފެއްޓެވީ މިއަދުގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު މިރޭ ދުވާފަރުގައި ބޮޑު ޖަލްސާއެއް ބާއްވާނެއެވެ.