ބާސެލޯނާއަށް ބަދަލުވާން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާ ޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބާނާޑޯ ސިލްވާ، މެންޗެސްޓަރ ސިޓީގައި އިތުރު 3 އަހަރު މަޑު ކުރުމަށް ނިންމައި ކޮންޓްރެކްޓް މިއަދު އާކޮށްފިއެވެ.

ބާނާޑޯ ސިލްވާ،29، ގެންދިޔުމަށް ބާސެލޯނާގެ އިތުރުން ފްރާންސްގެ ޕީއެސްޖީންވެސް މަސައްކަތް ކުރިއެވެ. އަދި މެންޗެސްޓަރ ސިޓީއިން ދެމުން އަންނަ ވަރަށްވުރެ ބޮޑު މުސާރައެއްވެސް ހުށަހެޅި ކަމަށް ފްރާންސްގެ ބައެއް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ސިޓީއިން އެފްއޭ ކަޕާއި އިނގިރޭސި ޕްރިމިއަރ ލީގް އަދި ޔުއެފާ ޗެމްޕިއަންސް ލީގް ކާމިޔާބުކޮށް، އިނގިރޭސި ކްލަބުތަކުގެ ތެރެއިން އެއްސީޒަނެއްގައި 3 ތަށި ހޯދައިގެން 1999 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑުން ހަދާފައިވާ ރެކޯޑާ ސިޓީއިން އެއްވަރު ކުރިއިރު ސިލްވާގެ ދައުރު ބޮޑެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި އޭނާގެ ފަރާތުން ފެނުނު ކުޅުން ވަކިން މޮޅެވެ.

ސިޓީގެ ކޮންޓްރެކްޓް އާކުރުމަށްފަހު ސިލްވާ ބުނީ އެކްލަބުގައި މިހާތަނަށް ހޭދަކުރި 6 އަހަރަކީވެސް ވަރަށް އުފާވެރި ހައަހަރު ކަމަށާއި ކޮންޓްރެކްޓް އާކުރެވުމުން އުފާވެފައި ހުރި ކަމަށެވެ. "ތިން ތަށި ކާމިޔާބުކޮށް، އެސްކޮޑާއެކު އިތުރު ކާމިޔާބީތަކެއް ހޯދުމަށް ކްލަބުގައި މަޑު ކުރެވޭ ގޮތް ވުމަކީ ވަރަށް ބޮޑު އުފަލެއް" ސިލްވާ ބުންޏެވެ.