އިއްޔެ މައްކާއަށް، ވިދުވަރާއި ހޮނުގުގުރިއާއި ގަދަ ވަޔާއިއެކު އައި ވިއްސާރައިގެ ތޫފާނުގެ ވައިބާރުވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މައްކާ ސަރަހައްދުގައި މިއަދު ސްކޫލްތައްވެސް ވަނީ ބަންދުކޮށްފައެވެ.
ވިއްސާރަ ވިލާގަނޑުގެތެރޭގައި ފަންސާސް މޭލުގެ ބާރުމިނުގައި ޖެހުނު ވަޔާއެކު ވާރޭ ވެހިގަންނަ މަންޒަރާއި ގެފުޅު ވަށައިގެން ތަވާފުކުރަމުންދިޔަ ބައެއް މީހުން ވިއްސައިގެންގޮސް ވެއްޓޭ މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތައް ސައޫދީ ނޫސްތަކުގައާއި ސޯޝަލް މީޑިއާގައި ދައުރުވަމުން ގޮސްފައިވެއެވެ.
މިވީޑިއޯތަކުގައި ހަރަމްފުޅުކައިރީގައި ހުންނަ ކްލޮކް ޓަވަރަށް ވިދުވަރު ޖެހިގަންނަ ތަންވެސް ރީއްޗަށް ފެންނަން ހުރެއެވެ.
ސައޫދީ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީގެ ތަރުޖަމާނު ހުސެއިން އަލްގަހުތާނީ ވިދާޅުވީ މި ތޫފާނުގައި ގަޑިއަކު 80 ކިލޯމީޓަރަށް ވުރެ ބާރުމިނުގައި ވައިޖެހިފައިވާ ކަމަށެވެ. މިއީ 2015 ވަނަ އަހަރު މަސްޖިދުލްހަރާމް ސަރަހައްދު ހަދަމުން ދިޔައިރު ކްރޭނެއް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަހަމްވި ތޫފާނާ އެއްފަދަ ހާލަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީޑިއާއިން ބުނިގޮތުގައި މި ތޫފާނުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. މައްކާ ސަރަހައްދަށް 24 ގަޑިއިރު ތެރޭ 45 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ. ރިޕޯޓްތައް ބުނާގޮތުގައި މައްކާއަށް މިފަދަ ތޫފާނެއް އައިސް ޖެހެނީ ވަރަށް މަދުންނެވެ. މުސްލިމުންގެ އެންމެ މާތް ހަރަމްފުޅު ހިމެނޭ މައްކާގައި އިއްޔެ ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ